ޚަބަރު

ކޯވިޑް-19 : ކަރަންޓީން މީހުން 14 ދުވަސް ކުރިން ޓެސްޓެއްނުކުރާނެ: ޑރ.ނަޒްލާ


ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ނުވަތަ އޭނާއާއި ދިމާވެފައިވާ މީހުންގެ ތެރެއިން 14 ދުވަސް ހަމަނުވަނީސް ބައްޔަށް ޓެސްޓްކުރާނީ ޢުމުރުން 65 އަހަރުން މަތީގެ މީހުންގެ އެކަނިކަމަށް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ޕޮޒިޓިވްވާ މީހަކާއި ދިމާވެފައިވާ ކޮންމެ މީހަކު ކޯވިޑަށް ޓެސްޓް ނުކުރާނެކަމަށެވެ. އެގޮތުން ކަރަންޓީން ފުރިހަމަކުރަންޖެހޭ މީހެއްނަމަ އެމީހަކު ބައްޔަށް ޓެސްޓުކުރާނީ 14 ދުވަހުގެ މުއްދަތު ހަމަވުމުން ކަމަށާއި، ނަމަވެސް ޢުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ބަލީގެ ނުރައްކާ ބޮޑު މީހުން 14 ދުވަސް ހަމަނުވިޔަސް ޓެސްޓްކުރާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވެފަވާނަމަ ފުރަތަމަ ކޮންޓެކްޓުން ކްރައިޓީރިއާއަށް ފެތޭ މީހެއްތޯ ބަލާނެ. އެގޮތަށް ކްރައިޓީރިއާއަށް ފެތޭނަމަ 14 ދުވަހަށް ކަރަންޓީނަށް މިލަނީ. ކަރަންޓީނަށް ފުރަތަމަލާއިރު 14 ދުވަސް ހަމަވުމުގެ ކުރިން އަޅުގަނޑުމެން ޓެސްޓްކުރާނީ ޢުމުރުން 65 އަހަރުން މަތީގެ މީހެއްވެއްޖާ. ނޫނީ އެމީހަކީ ކޮވިޑްޖެހިގެން ނުރައްކާވފަދަ ބައްޔަކަށް ބޭސްކުރާ މީހަކަށްވާނަމަ. މިސާލަކަށް ހަކުރުބަލި ކަހަލަ ބޮޑު ބައްޔެއް ހުންނަ މީހަކަށްވަންޔާ. އެންމެނެއް ފުރަތަމަ ޓެސްޓެއް ނުކުރާނެ. ނަމަވެސް އެހެންމީހުންވެސް ކުރިއަށް އޮތް 14 ދުވަހުގެތެރޭގައި އަލާމާތްތައް ޑެވެލޮޕްވާނަމަ ޓެސްޓްކުރާނެ." ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ބައެއް މީހުން ކަރަންޓީން މުއްދަތު ހަމަވުމުގެ ކުރިންވެސް ބައްޔަށް ޓެސްޓްކުރާކަމަށާއި، އެމީހަކު ބައްޔަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވީނަމަވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަންޖެހޭނެކަމަށެވެ. އަދި 14 ދުވަސް ހަމަވުމުން ނަގާ ސާމްޕަލް ނެގެޓިވްވެއްޖެނަމަ އެމީހަކު ކަރަންޓީނުން ދޫކޮށްލާނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ހޯމް ކަރަންޓީން މުއްދަތު ހަމަނުވަނީވެސް ބައެއް މީހުން އަންނަނީ ކޯވިޑް ޓެސްޓް ހަދަމުންނެވެ. އަދި ކަރަންޓީނުވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ ޚިލާފުވާ މައްސަލަތަކެއްވެސް އަންނަނީ ރިޕޯޓްކުރަމުންނެވެ.