ކޯވިޑް-19

ކޯވިޑް-19 : އެހީގެ ގޮތުގައި ރާއްޖެއަށް މިހާތަނަށް 197 މިލިއަން ޑޮލަރު ލިބިފައިވޭ: ޝައުނާ


ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް ބޭރު ޤައުމުތަކުން އެހީގެ ގޮތުގައި މިހާތަނަށް 197 މިލިއަން ޑޮލަރުގެ އެހީ ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ޕޮލިސީ، އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ސެކްރެޓަރީ ޕޮލިސީ، އާމިނަތު ޝައުނާ ވިދާޅުވީ، ކޯވިޑް-19 ގެ މި ޙާލަތުން އަރައިގަތުމަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް މިހާތަނަށް 197 މިލިއަން ޑޮލަރު ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވާއިރު، އޭގެ ތެރޭގައި ހިލޭ އެހީއާއި، ލޯނުގެ ގޮތުގައި ލިބުނު އެހީ އާއި ފަންނީގޮތުން ލިބުނު އެހީ ހިމެނޭކަމަށެވެ. އަދި މި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ސަރަޙައްދީ ޤައުމުތަކާއި ދުނިޔޭގެ މަޝްހޫރު ބޮޑެތި މާލީ އިދާރާތައްވެސް ހިމެނޭކަމަށް ޝަޢުނާ ވިދާޅުވިއެވެ.

ރާއްޖެއަށް އެހީ ދިން މާލީ އިދާރާތަކަކީ :

ވޯލްޑް ބޭންކް
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް
އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް
އޯޕެކް ފަންޑް
އޮފިޑް ފަންޑް
ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް
އދ. ގެ އެކި އެޖެންސީތައް

ޝައުނާ ވިދާޅުވީ، ފައިސާގެ އެހީގެ އިތުރުން، މިދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ އެކިކަހަލަ މެޑިކަލް އިކުއިޕްމަންޓާއި، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި، ކާބޯތަކެތީގެ އެހީތެރިކަން ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ ފަރާތުން ގިނަ ޢަދަދަކަށް ލިބިފައިވާކަމަށެވެ.

އެގޮތުން އިންޑިއާ، ޖަޕާން، އެމެރިކާ، ޗައިނާ، ބަންގްލަދޭޝް، ކެނެޑާ، ޔޫ.އޭ.އީ، އޮސްޓްރޭލިއާ، ޔުނިސެފް، އަދި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖެއަށް އެކިއެކި ގޮތްގޮތުން ތަކެތި ހަދިޔާކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއާއެކު ބަޖެޓް ސަޕޯޓުގެ ގޮތުގައާއި ވަކި ވަކި މަޝްރޫޢުތައް ހިންގުމަށްވެސް ބޭރުގެ އެހީ ރާއްޖެއަށް ލިބެމުންދާކަމަށް ޝައުނާ ވިދާޅުވިއެވެ.

"ބައިނަލްއަޤްވާމީ ޤައުމުތަކާ ޖަމިއްޔާތަކާއި އަދި ބޭންކުތަކުން މި ދޭ އެހީތަކަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުންގޮތަކަށް ޚަރަދުކުރަންދޭ އެހީތަކެއްނޫން. މިއީ ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް. ޚަރަދުކުރަންޖެހޭނެ އުޞޫލުތަކެއް އެ އެއްބަސްވުމުގެ ތެރޭގައި ހިމެނޭނެ. އަދި ޚަރަދުކުރެވޭނެ ކަންތައްތައްވެސް މިއިން ކޮންމެ އެއްބަސްވުމެއްގައި ވާނީ ހިމެނިފައި" ޝައުނާ ވިދާޅުވިއެވެ.

މިހާރު ލިބެމުންދާ އެހީތަކުގެ އިތުރަށްވެސް ކުރިއަށްއޮތްތާނގައި ރާއްޖޭ އިޤްތިޞާދު ހަރުދަނާކޮށް، ތަރައްޤީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ލިބެމުންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ. އަދި ފާއިތުވި އަހަރުތަކާއި ޚިލާފަށް މި ސަރުކާރު ވެރިކަމަށް އައިފަހުން ރާއްޖެއަކީ ޒިންމާދާރު ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެ، އެކަމުގެ ހެޔޮ އަސަރު ދިވެހިން ދިރިއުޅުމަށް ކުރަންފަށާފައި ވާކަމަށާއި، ބައިނަލްއަޤްވާމީ ޤައުމުތަކާއެކު އޮތް ގުޅުން އެތައްގޮތަކުން މިހާރު ބަދަހިވެފައިވާކަމަށްވެސް ޝައުނާ ވިދާޅުވެފައިވެއެވެ.