ވިޔަފާރި

މެއި މަހު ގްރީން ފަންޑުން 25.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ


މިއަހަރުގެ މެއި މަހު ގްރީން ފަންޑުން 25.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ މިއަހަރުގެ މެއިމަހުގެ، ގްރީން ފަންޑު ރިޕޯޓުގައި ވާގޮތުން މެއި މަހުގެ 45 މަޝްރޫއަކަށް ގްރީން ފަންޑުންވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

މެއި މަހު އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ޅ.ކުރެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތަށެވެ. އެ މަސައްކަތަށް 3.5 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ. ދެން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ހއ.ބާރަށު ނަރުދާ ނިޒާމުގެ މަސައްކަތަކަށެވެ. މި މަސައްކަތަށް 3.3 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

އޭޕްރީލްމަހާ އަޅައި ބަލާއިރު، މެއި މަހު ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގެ ޢަދަދު އިތުރުކަން ފާހަގަކޮށްލެވެއެވެ. އޭޕްރީލްމަހު ކުރިއަށް ގެންގޮސްފައިވަނީ 34 މަޝްރޫޢެއްގެ މަސައްކަތެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 7.9 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 77.6 މިލިއަން ރުފިޔާއަށް ބަލާނަމަ 89 އިންސައްތައިގެ ދަށް ޢަދަދެކެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ދިވެހިރާއްޖޭގެ ޓުއަރިޒަމް ޤާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ޓުއަރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ބޮލަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިހާބޮޑަށް ދަށް ދަށްވެފައި މިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައި އޮތުމުންނެވެ. މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުންފެށިގެން ރާއްޖޭގެ ބޯޑަރުތައް އޮތީ ބަންދުކޮށްފައެވެ.

110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލީ މިދިޔަ ޖުލައިމަހުގެ 15ވަނަ ދުވަހުއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އަނެއްކާވެސް މިހާރު މިދަނީ މަޑުމަޑުން އިތުރުވަމުންނެވެ. ކުރިއަށް އޮތް ހައި ސީޒަންގައި ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާކުރެއެވެ.