މިއަހަރުގެ ދެވަނަ ކުއާޓަރގައި ޢާމްދަނީގެ ގޮތުގައި 992.72 މިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފިއެވެ.
މީރާއިން ޢާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ޢާމްދަނީގެ ޢަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ވަނީ 75.1 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި މީރާއިން ވަނީ 3.99 ބިލިއަން ރުފިޔާ ބަލައިގެންފައެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރގައި މީރާއަށް ލިބުނު އާމްދަނީގެ ޢަދަދު ދަށަށް ގޮސްފައިވާ މައިގަނޑު ސަބަބަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓެކްސް އަދި ޓެކްސް ނޫން ފީތައް ދައްކަންޖެހޭ ސުންގަޑި މިއަހަރުގެ ތިންވަނަ ކުއާޓަރަށް ފަސްކޮށްދީފައިވުމެވެ.
އެގޮތުން ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، ރިޒޯޓުތަކުގެ ކުލި، އެއަރޕޯޓު ޑިވެލޮޕްމަންޓު ފީ އަދި އެއަރޕޯޓު ސަރވިސް ޗާޖުގެ ގެތުގައި ބަލައިގަތް ޢާމްދަނީވަނީ ދެވަނަ ކުއާޓަރުގައި ދަށްވެފައެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ފަތުރުވެރިން އައުން ހުއްޓުމަކަށް އައުމާއެކު، ފަތުރުވެރިކަމުން ހޯދާ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރި ކުރަމުންދާ ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ ރިސޯޓުތަކުގެ ކުލި ދެއްކުމުގެ މުއްދަތު 2021ވަނަ އަހަރަށް ފަސްވެސް ކޮށްދެއްވާފައެެވެ.
ދެވަނަ ކުއާޓަރގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެގޮތުން ލިބުނު ޖުމްލަ އާމްދަނީގެ 48.7 އިންސައްތަ ހިއްސާކޮށްފައިވަނީ ޖީ.އެސް.ޓީންނެވެ. ޖީ.އެސް.ޓީން 483.36 މިލިއަން ރުފިޔާވަނީ ލިބިފައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައިއެވެ. ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 192.46 މިލިއަން ރުފިޔާވަނީ ލިބިފައެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރގައި ބަލައިގެންފައިވާ ޢާމްދަނީގެ ތެރޭގައި 36.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރގައި އެމެރިކާ ޑޮލަރުން ބަލައިގަތް އާމްދަނީވެސް ވަނީ ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ރިސޯޓުތަކުގެ ކުލި، ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓު ސަރވިސް ޗާޖިގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެން ކަމަށް މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވެއެވެ.