ޚަބަރު

ކިއުބާގައި ތިބި ދިވެހި 9 ދަރިވަރަކަށް ކެއަރ ޕެކޭޖްތައް ފޮނުވައިފި


ކިއުބާގައި ކިޔަވަންތިބި ދިވެހި 9 ދަރިވވަރަކަށް ފޮރިން މިނިސްޓްރީން އެހީގެ ޕެކޭޖު ފޮނުވައިފިއެވެ. ކޯވިޑް-19އާ ގުޅިގެން ބައިނަލްއަޤްވާމީ ދަތުރުފަތުރު ހުއްޓުމާއި، ޤައުމުތައް ފުރަބަންދު ކުރުމާއި ގުޅިގެން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް ބަލާ ފޮރިން މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ކޯވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި، ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއަރ ޕެކޭޖްތައް ފޮނުވަނީ ސްރީ ލަންކާ ސަރުކާރުގެ އެހީތެރިކަމާއެކުގައިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމަށް މަގުފަހިކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށާއި، ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ކެއަރޕެކޭޖު ފޮނުވުމުގެ މަސައްކަތް ހިނގަމުން ދިޔަގޮތް ފޮރިން މިނިސްޓަރ ޝާހިދު ވަރަށް ގާތުން ބައްލަވާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދަޅުވެއެވެ. މީގެ ކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް ކެއަރ ޕެކޭޖްތައް ފޮނުވާފައިވެއެވެ.