ޚަބަރު

ކޯވިޑް-19: 24 ގަޑިއިރުތެރޭ 106 މީހުން ޕޮޒިޓިވް


ކޯވިޑް-19އަށް މިއަދުވެސް 106 މީހުން ރާއްޖެއިން ޕޮޒިޓިވްވެއްޖެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވަނީ ވަރަށްބޮދަށް އިތުރުވެފައެވެ. މިއަދު ޕޮޒިޓިވްވި 106 މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 79 މީހަކާއި، ބަންގްލަދޭޝްގެ 21 މީހުންނާއި، އިންޑިއާގެ 5 މީހުންނާއި، ނޭޕާލް މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 5785 އަށް އަރާފައެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2414 މީހުންނަށް ފަރުވާދެމުން އަންނައިރު އޭގެތެރެއިން 1481 މީހަކުތިބީ އައިސޮލޭޝަން ފެސިލިޓީސްތަކުގައެވެ. އަދި ހޮސްޕިޓަކުގައި 146 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

މިރޭ އިރުއޮއްސި ހައެއްޖެހުމާހަމައަށް ބަލިން ރަނގަޅުވެފައިވަނީ 141 މީހެކެވެ. އެހެންކަމުން މިބަލިން ރާއްޖޭގައި މިހާތަނަށް ރަނގަޅުވެފައިވަނީ 3349 މީހުންނެވެ. ރާއްޖޭގައި މިބަލީގައި ނިޔާވެފައިވަނީ 22 މީހެކެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ފިޔަވައި 14 ރަށެއްގައި ޕޮޒިޓިވް މީހުން އެބަތިބިކަމަށް އެޗްޕީއޭއިން ޢާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތަކުންދައްކައެވެ. އޭގެތެރޭގައި ހިމެނެނީ ހއ.ފިއްލަދޫ، އިހަވަންދޫ، ހދ.ނައިވާދޫ، ކުރިނބި، ބ.ކަމަދޫ، ކުޑަރިކިލު، ރ.ހުޅުދުއްފާރު، ޅ.ހިންނަވަރު، ނައިފަރު، ކ.ތުލުސްދޫ، ފުވައްމުލަކު ސިޓީ އަދި އައްޑޫސިޓީ ހިތަދޫއާއި ފޭދޫއެވެ.

މީގެ އިތުރުން ރާއްޖޭގެ 9 ރިސޯޓަކުން 5 ފަތުރުވެރިއަކާއި، 13 މުވައްޒަފަކުވެސް މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން އަންނަކަމށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.