ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީން ބަލަންޖެހޭ މިންވަރަށް ބަލާފައިނުވާކަމަށް ބުނެ ދިރާސާކުރުމަށް ކޮމިޓީއަށް


ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގެ މައްސަލައިގަ އޭސީސީން ވިދާޅުވާ ވާހަކަފުޅާއި، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައިވާ ވާހަކަތައް ފުށުއަރާކަމަށް ވިދާޅުވެ އެމައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރާއްޖެއިން ބޭރުން ގެނައުމަށް ސަރުކާރުން ނިންމާފައިވާ ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ހިމަނާފައިވާ ކަންކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުނު ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިނުވާތީ، އޭސީސީން ބަލަންޖެހޭ މިންވަރަށް މިމައްސަލަ ބަލާފައި ނުވާކަމަށް ނުވަތަ އޭސީސީން ދެކޭ ގޮތް ތަފާތުކަމަށެވެ.

އެގޮތުން 21 މެއިގައި އޭސީސީން ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ދިރާސާ ރިޕޯޓް ނެރުނުއިރު، ވެންޓިލޭޓަރުތަކަށް ދައްކަންޖެހޭ ފައިސާ ދުބާއީގެ ކުންފުންޏަކަށް ދައްކާފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ފާހަގަކުރެވޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މެއި 3 ވަނަ ދުވަހު އޭސީސީގެ ރައީސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވާކަމަށާއި، ވެންޓިލޭޓަރުގެ މައްސަލައިގަ އޭސީސީން ބަލަންޖެހޭ މިންވަރަށް ބަލާފައި ނުވާކަން ހާމަވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އޭސީސީން ނެރުނު ރިޕޯޓްގައިވާ ކަންކަން އޮޑިޓަރ ޖެނެރަލް ނެރުނު ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ނެތުމުން އޭސީސީން މަޖިލީހަށް ދީފައިވާ މަޢުލޫމާތާއި ގުޅޭ ޔައުމިއްޔާތައް ބަލައި އެމައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދިރާސާ ރިޕޯޓް ލިޔެވުނު އިރު އަޅުގަނޑުމެންނަށް މިހާރު އެނގެނީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ދުބާއީގެ ކުންފުންޏަަށް ދައްކަންޖެހޭ ފައިސާވަނީ ދައްކާފައި. އެފައިސާ އެޕްރީލް މަހުގެ ތެރޭގައި އޮތީ ދޫކުރެވިފައި. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓް، މިދިރާސާ ރިޕޯޓް ނެރެފައިވަނީ 21 މެއިގައި. އޭގެ އިތުރުން ކަންބޮޑުވުމެއް ފާޅުކުރަން މިޖެހެނީ 3 މެއިގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މިމަޖިލީހަށް ވަޑައިގެންނެވި. މިނިވަން މުއައްސަސާކޮމިޓީއަށް. އެކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ވިދާޅުވެފައިވާ ވާހަކަފުޅުގެ ޔައުމިއްޔާއަށް އެދެން. ވެންޓިލޭޓަރު މައްސަލާގައި އޭސީސީން ބައްލަވަންޖެހޭ މިންވަރަށް ބައްލާފައި ނުވާކަމާ ނުވަތަ ބައްލަވާ ނަޒަރިއްޔާތު ވަރަށް ތަފާތުކަން. މިއީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިތުރަށް ބަލަންޖެހޭ މައްސަލައެއް."މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައިވާއިރު، ވެންޓިލޭޓަރުތައް ރާއްޖެއަށް ހޯދުމުގައި ޢަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން އޭސީސީން 21 މެއިގައި ނެރުނު ދިރާސާ ރިޕޯޓްގައި ބުނެފައިވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ސަރުކާރުން ޢަމަލުކޮށްފައިވަނީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށްކަމަށެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅިގެން 149 ވެންޓިލޭޓަރު ގަތުމަށް 3 ކުންފުންޏަކާއެކު 4 އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކުރައްވާފައިވާކަމަށާއި، ރާއްޖެ ގެނެވިފައިވަނީ 22 ވެންޓިލޭޓަރުކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ.

ވެންޓިލޭޓަރު ހޯދުމުގައި ސަރުކާރުން ޢަމަލުކޮށްފައިވަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްކަމަށް އޭސީސީގެ ދިރާސާ ރިޕޯޓްގައި ހާމަކޮށްފައިވާއިރު، ރޭ އޭސީސީން ނެރުނު ނޫސްބަޔާނުގައި ކޯވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާގޮތާ ގުޅޭގޮތުން އެކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކީ، އެކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަޙުޤީޤުކުރަމުންދާ މައްސަލައެއް ކަމަށެވެ. ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލައިގަ ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން، އެ މައްސަލައިގަ އޭސީސީއަށް އެހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލައިގަ ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ޚުލާޞާ ރިޕޯޓެއް އެކުލަވާލައި އާންމުކުރީ ކަމަށާއި އޭރު އެމައްސަލައިގަ ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެކަމަށް ބުނެފައިވެއެވެ. އަދި އެރިޕޯޓަކީ، މައްސަލައިގެ ތަޙުޤީޤު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަޙުޤީޤު ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެކަމަށާއި، މައްސަލައިގަ ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގަ އޮޑިޓަރ ޖެނެރަލް ޢާންމުކުރި އޮޑިޓް ރިޕޯޓްގައި ވަނީ ކޯވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ މުޢާމަލާތަކީ ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ހިނގާފައިވާ މުއާމަލާތްތަކެއްކަމަށެވެ. ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާއެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވީނަމަވެސް، އެ ކުންފުންޏާއެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިމައްސަލަ ކަމާގުޅޭ އިދާރާތަކުން ތަޙުގީގުކުރުމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.