ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިއަދުވެސް 100އިން މަތީގައި


ރާއްޖެއިން މިއަދުވެސް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު ސަތޭކައަށްވުރެ މަތިވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ރޭ އިރުއޮއްސި 6:00އިން މިރޭގެ 6:00އާ ހަމައަށް ރާއްޖެއިން 145 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރެއިން 142 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި ބަންގްލަދޭޝްގެ 11 މީހަކާއި އިންޑިއާގެ 3 މީހުންނާއި ސްރީލަންކާގެ 5 މީހުންނާއި ނޭޕާލްގެ މީހަކާއި ޖަޕާނުގެ މީހެއްގެ އިތުރުން އުރުދުންގެ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6370އަށް އިތުރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 2431 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 127 މީހުންނެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 3915 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން މި ބައްޔަށް ފަރުވާދެމުންދަނީ 161 މީހަކަށެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 1355 މީހަކު އެބަތިބި ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މިހާތަނަށް ރާއްޖެއިން 24 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.