ޚަބަރު

ކޯވިޑް-19 : ޙާލަތު ވަނީ ގޯސް، ޑރ.ޝީނާގެ އަންދާޒާއަށްވުރެވެސް ޢަދަދުތައް މައްޗަށް


ކޯވިޑް-19އަށް މިމަހު ޕޮޒިޓިވްވާނެކަމަށް ސިއްޙީ މާހިރުން އަންދާޒާކުރި ޢަދަދަށްވުރެވެސް މައްޗަށް ބަލި ޖެހުނު މީހުންގެ ޢަދަދު އަރައިފިއެވެ.

ކޯވީޑް-19އާއި ގުޅިގެން އެޅި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ޖުލައި މަހުގެ 30ވަނަ ދުވަހު ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ ޢާންމުކުރެއްވި ޕްރޮޖެކްޝަން ނުވަތަ އަންދާޒާތަކުގައިވަނީ މިހިނގާ އޯގަސްޓްމަހު ކޯވިޑަށް ޕޮޒިޓިވްވާނީ 2373 މީހުންކަމަށް ލަފާކޮށްފައެވެ. ނަމަވެސް މިމަހުގެ މިހާތަނަށް އެކަނިވެސް 2577 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހިންގެ 1899 މީހެކެވެ. އަދި 678 ބިދޭސީންނެވެ.

މީގެ އިތުރުން ނިމިދިޔަ ޖުލައި މަހުވެސް ބަލިޖެހޭނެކަމަށް ޑރ.ޝީނާގެ އަންދާޒާތަކުން ދައްކަނީ، 997 މީހަކަށެވެ. ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު އެކަނިވެސް 1412 މީހަކަށް ބަލިޖެހިފައިވެއެވެ. އެއީ ދިވެހިންގެ 969 މީހަކާއި، ބިދޭސީންގެ 443 މީހެކެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުޅޭނީ ސަތޭކައިން މަތީގެ ޢަދަދުތަކުގައެވެ. އޭގެތެރެއިންވެސް ބަލިޖެހޭ ދިވެހިންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 6370 މީހުންގެ ތެރެއިން 3700 މީހުންނަކީ ދިވެހިންނެވެ. އަދި 2670 އަކީ ބިދޭސީންނެވެ.