ޚަބަރު

މެލޭޝިއާއިން ޕޮޒިޓިވްވި ދިވެއްސަކީ އައިސޮލޭޝަންގައި ހުރެފައި ދިޔަ މީހެއް: އެޗްއީއޯސީ


ރާއްޖެއިން މެލޭޝިއާއަށް ދިޔަފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ މެދުފުށީ އައިސޮލޭޝަންގައި އެކަހެރިކޮށް 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު ދިޔަ މެލޭޝިއާއަށް ފުރި މީހެއްކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ވިދާޅުވީ ޑަބްލިއުއެޗްއޯގެ އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސްގެ މެލޭޝިއާގެ ފޯކަލް ޕޮއިންޓުން މިކޭސް ވެރިފައިކުރުމަށް އެދިފައިވާކަމަށެވެ. ރާއްޖޭގައި ހުރުމަށްފަހު މެލޭޝިއާއަށް ދިޔަފަހުން ޕޮޒިޓިވްވެފައި ވަނީ ދިވެހި އަންހެނެއްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އޭނާގެ އައިސޮލޭޝަން މުއްދަތު ހަމަވެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުކަމަށާއި ހަމައެދުވަހު އޭނާ މެލޭޝިއާއަށް ފުރާފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން މިހާރު އައިސޮލޭޝަން ފުރިހަމަކުރާ މީހުން ކޯވިޑް-19އަށް ޓެސްޓެއް ނުކުރެއެވެ.

ކޯވިޑް-19އަށް ޓެސްޓުކުރުމަށް ހަދާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ބަލިން އެއްކޮށް ރަނގަޅު ވުމުންވެސް ޕޮޒިޓިވްކަމަށް ދައްކާކަމަށް އެޗްޕީއޭއިންވަނީ މީގެކުރިންވެސް ހާމަކުރައްވާފައެވެ.