ވިޔަފާރި

އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި


އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޓްރެވެންޑުރަމުން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

އެއަރ އިންޑިއާގެ ރާއްޖޭގެ ޕެސެންޖަރ ސޭލްސް އެޖެންޓް ވިލާ ޓްރެވަލްސް އިން ބުނީ އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ކޮންމެ ހަފްތާއެއްގެވެސް އަންގާރަދުވަހު އޮންނާނެ ކަމަށެވެ. އަދި ޓްރިވެންޑުރަމަށް މިދަތުރުތައް ބޭއްވި ނަމަވެސް އިންޑިއާގެ އެހެން ހިސާބުތަކަށް އެއަރ އިންޑިއާގެ ކަނެކްޓިންގެ ފްލައިޓްސްތަކުގައި ދަތުުރުތައް ކުރެވޭނެ ކަމަށް ވިލާ ޓްރެވަލްސްއިން ހާމަކުރެއެވެ.

އެއަރ އިންޑިއާ މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވިލާ ޓްރެވެލްސް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ. އެކުންފުނިން ބުނީ އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ޓިކެޓް ދޫކުރާނީ އިންޑިއާ ހައިކޮމިޝަންގެ ހުއްދައަކާއި އެކުކަމަށެވެ. ދަތުރުކުރާ ކޮންމެ ފަސިންޖަރެއްގެ އަތުގައިވެސް 96 ގަޑިއިރު ހަމަނުވާ ކޯވިޑް19އަށް ޓެސްޓްކޮށްފައިވާކަން އަންގައިދޭ ލިޔުމެއް އޮންނަންޖެހޭނެއެވެ.

ކޯވިޑް19ގެ ކުރިން އެއަރ އިންޑިއާއިން އައީ ޓްރިވެންޑްރަމްއިން ރާއްޖެއަށް ހަފްތާއަކު 7 ފްލައިޓް އަދި ބެންގަލޫރުން ރާއްޖެއަށް ހަފްތާއަކު 6 ފްލައިޓް ބާއްވަމުންނެވެ.

އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް ފަށާފައިމިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ "އެއާ ބަބްލް"އާއެކުއެވެ. އެއަރ އިންޑިއާގެ އިތުރުން، ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އަދި އިންޑިއާގެ އަިންޑިގޯ އެއަރލައިންސްއިން ރާއްޖެއަށް އިންޑިއާ އާއި ދެމެދު ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.