ކޯވިޑް-19

ކޯވިޑް-19 : ގއ.ވިލިނގިއްޔަށް އަރައި ފޭބުން މަނާކޮށް، ސްކޫލްތަކާއި ކެފޭ ރެސްޓޯރެންޓްތައް ބަންދުކޮށްފި


ގއ.ވިލިނގިލިން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވުމާގުޅިގެން އެރަށް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މި ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ރިލީސް ސާމްޕަލުންނެވެ. މިކަމާގުޅިގެން އެރަށް މިވަގުތު މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން ވިލިނގިލީ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހާއާއި ދިމާވި މީހުން ދެނެގަތުމަށްޓަކާ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި އެރަށަށް އަރާ ފޭބުން މިވަގުތު ހުއްޓުވާފައިވާކަމަށެވެ.

މިކަމާގުޅިގެން މިހާތަނަށް އެއްކުރެވުނު މަޢުލޫމާތުން އޭނާ ހޯމް ކަރަންޓީނުގައި ހުރީ އެރަށުގައި ކެފޭއެއް ހިންގާ ގެއެއްގައިކަމުން، އެތަނުގައި މަސައްކަތް ކުރާ ބައެއް ބިދޭސީންނާއި، އެތަނަށް ވަދެނުކުތް ބައެއް ފަރާތްތަކާއި އޭނާއާއި ބައްދަލުވެފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ރަށުތެރޭގައި ބަލި ފެތުރުމުގެ ފުރުޞަތުވީހާވެސް ކުޑަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެގޮތުން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތްތައް ނިމެންދެން ރަށުގެ ކެފޭ ރެސްޓޯރެންތަކާއި، ސްކޫލްތައް ބަންދުކުރުމަށް ނިންމާފައިވާކަމަށް އެ ރަށު ކައުންސިލުން ވިދާޅުވިއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 32 ރަށަކުންނާއި 10 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އަތޮޅުތަކުން މިހާތަނަށް ކޯވިޑް-19ގެ 64 އެކްޓިވް ކޭސް ފެނިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި، 6 ބިދޭސީންނެވެ.

ފަހަކަށް އައިސް އެކި ބޭނުންތަކުގައި މާލެއައުމަށްފަހު އެނބުރި ރަށަށްގޮސް ފުރަބަންދު ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވެސް އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގެ އެކްޓިވް ކޭސްތައް ފެންނަ ރަށްރަށުގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ.