ޚަބަރު

ޑރ.މަޢުޞޫމް އަލުން ހުވާކުރައްވަން ލަފާދިނުމަށް ކޮމިޓީން ނިންމައިފި


ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވާކުރެއްވިއިރު ކުންފުންޏެއްގެ ވެރިއެއްގެ ގޮތުގައި ހުންނެވުމުން އަލުން އެމަނިކުފާނު ހުވާކުރެއްވުމަށް ލަފާދިނުމަށް މައްސަލަ ދިރާސާކުރެއްވި ކޮމިޓީން ނިންމަވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގެ ހުވާކުރެއްވިއިރު ކުންފުންނެއްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވިކަމަށާ، އެމަޤާމުން ވަކިވެވަޑައިގެންފައިވަނީ މަޤާމުގެ ހުވާކުރެއްވިފަހުންކަމަށް މަޖިލީހަށް އިކޮނޮމިކް މިނިސްޓްރީން ޙިއްސާކުރައްވާފައިވާ މަޢުލޫމާތުން އެނގެން އޮތްކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޑރ.ޢަބުދުﷲ މައުސޫމް މަޤާމުގެ ހުވާކުރައްވާފައިވަނީ، ޤާނޫނާ ޚިލާފަށް ކަމުގައި މަޖިލީހުގެ ތަޅުމުގައި، މެމްބަރުން ފާހަގަކުރެއްވުމާއި ގުޅިގެން ޑރ.މަޢުޞޫމަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިވަނީ އަންގާރަ ދުވަހުއޮތް މަޖިލީހުގެ ޖަލްސާގައެވެ. އެދުވަހުގެޖަލްސާގައި ބައެއް މެންބަރުން ވަނީ ޑރ.މައުސޫމް މަޤާމުގެ ހުވާ ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކަމަކަށާ، އެމަޤާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި ޤާނޫނު އަސާސީގައި ބުނާގޮތުން ވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވަޒީރުކަމުގެ މަޤާމަށް އައްޔަނުކުރެވޭ ބޭފުޅުން އެފަދަ މަޤާމެއްގައި ހުންނެވި ނަމަ، އެ މަޤާމަކުން އިސްތިއުފާ ދެއްވަން ޖެހޭނެކަމަށްވެސް މެންބަރުން ވިދާޅުވެފައިވެއެވެ. ޑރ.މައުސޫމްގެ ހުވާކޮށްފައި ވަނީ ޤާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަކޮށްގެންތޯ ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް މެންބަރުން ވިދާޅުވެފައިވެއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވައިކުރެއްވުމާއި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ހަވާލު ކުރައްވާފައި ވަނީ މިމަހުގެ 6ވަނަ ދުވަހުގައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުގެތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމު ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ މި މަޤާމުތަކުން ވަކިކުރައްވާފައެވެ.