ޚަބަރު

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެސްބީއައިގެ ޚިދުމަތްތަކަށް ބުރޫނާރާނެ - ލަތީފް


އަލިފާނުގެ ހާދިސާއާއި ގުޅިގެން އެސްބީއައި އިން ދޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

އެސްބީއައިގެ އޮފީސް ހުންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޕީއެސްއެމް އިން ގެނެސްދިން ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އެސްބީއައިގެ ޖެނެރފަލް މެނޭޖަރ އިސްމާއިލް ލަތީފް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ 5 ފްލޯއެއްގައި އެސްބީއައިގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ. ނަމަވެސް އޮފީހުން ދެމުންދާ ޚިދުމަތްތަކަށް އަލިފާނުގެ ހާދިސާއާއި ގުޅިގެން ބުރޫނާރާނެކަމަށް ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާދިސާއާއި ގުޅިގެން އެސްބީއައިގެ އޭޓީއެމްތަކުން ދޭ ހިދުމަތްތަކާއި، އެނޫންވެސް އާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަތައް ފޯރުކޮށް ދިނުމުގައިވެސް އެއްވެސް ދަތިތަކެއް ކުރިމަތިނުވާނެކަމަށެވެ.

އެސްބީއައިއިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކި ހިދުމަތްތައް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް އެބޭންކުގެ ޑިޖިޓަލް އެޕްލިކޭޝަން، ޔޯލޯ ރާއްޖެއަށް ތަޢާރަފްކޮށްފައެވެ. މިހިދުމަތާއިއެކު ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހައިން ގިނަ ހިދުމަތްތަކެއް ލިބޭ މި އެޕްލިކޭޝަން ވީހާވެސް ގިނަ ފަރާތްތަކަކަށް ތަޢާރަފްކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް އެސްބީއައިވެސް ވަނީ ބުނެފައެވެ.

ރާއްޖޭގައި އެސްބީއައިގެ ބްރާންޗެއް ހުޅުވާފައިވަނީ 1974 ވަނަ އަހަރު އެވެ. މިހާރު އެބޭންކުން މާލެ، ހުޅުމާލެ، މާމިގިލި އަދި ހިތަދޫގައި ދަނީ ބްރާންޗްތައް ހިންގަމުންނެވެ.