ޚަބަރު

ރާއްޖެއިން ނުފުރިފައިތިބި ބިދޭސީންނަށް އިމިގުރޭޝަނުން ލުއިތަކެއްދީފި


ކޯވިޑް-19 ގެ ސަބަބުން ރާއްޖެއިން ނުފުރިފައިވާ ބިދޭސީފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އުސޫލުތަކެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

މޯލްޑިވިސް އިމިގްރޭޝަނުން ވަނީ، ކޮވިޑް-19 އާއި ގުޅިގެން ބައިނަލްއަގްވާމީ ދަތުރުފަތުރުތަކަށް ވައިގެ ބަނދަރު ހުޅުވާލުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިޒާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާތީވެ، އެފަދަ ފަރާތްތަކަށް ފަސޭހަކަމާއި އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަން ހުސްވި ޖުލައި މަހު އިއުލާނުކުރައްވާފައެވެ،

އިމިގްރޭޝަނުން ވިދާޅުވީ، ޓޫރިސްޓް ވީޒާ، ބިޒްނަސް ވީޒާ އަދި ކަނޑު ބޯޓުތަކުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު 19 މާރޗް 2020 ގެ ފަހުގެ ތާރީޚަކަށް ހަމަވެފައިވާނަމަ، ވީޒާގެ މުއްދަތު އިތުރުނުކޮށް، ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސައިފައި ކަމަށެވެ.

އެހެން ނަމަވެސް އެ އިންތިޒާމުގެ ދަށުން ފުރުވާލެވޭނީ، އެކަމަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ ފޯމް ފުރހަމަކޮށް އިމިގްރޭޝަންގެ ޑިޕާޗަރ ކައުންޓަރަށް ހުށަހަޅައި އަދި އެއާއެކު ބިދޭސީފަރާތް ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލަރސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރެއްވުމުން ކަމަށެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވިދާޅުވީ، ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާގެ މުއްދަތު 19 މާރޗް 2020 ގެ ކުރީގެ ތާރީޚަކަށް ހަމަވެފައިވާ ފަރާތްތަކުން ވީޒާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް، [email protected] އަށް އީމެއިލް ކުރެއްވުމުން، ދެން އަމަލުކުރަންވީ ގޮތެއް އެފަރާތްތަކަށް އީމެއިލްގެ ޒަރީއާއިން އަންގާނެ ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ، އަލަށް ހަމަޖައްސައިދިން މިއުސޫލުގެ ދަށުން، "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" IM34 ފޯމް ހުށަހަޅުއްވައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީޚަކީ 31 އޮކްޓޯބަރ 2020 ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ކޯވިޑް-19 ގެ މިދަނޑިވަޅުގައި އެއިދާރާއިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޙާއްސަ ސަމާލުކަމެއް ދީގެން ކަމުގައިވުމުން، އެމީހެއްގެ ނުވަތަ އެކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބިދޭސީ ފަރާތްތަކުގެ ވީޒާގެ ކަންކަން ފަހަށް މަޑުނުކުރައްވާ، ގަވާއިދުން ފުރިހަމަ ކުރަމުން ގެންދިއުމަށް ނަސޭހަތްތެރިވާކަމަށެވެ..