ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރިއަރ އެޑްމިރަލް ނަޒްމުލް ޙަސަން، ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު، ބަންގްލަދޭޝްގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ބަންގްލަދޭޝްއާއި ރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްއާއި ރާއްޖެއަކީ ވަރަށް ޒަމާންވީ ގާތްގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވާ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ޒަމާންވީ އެކުވެރިކަމުގެ ގުޅުންތައް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަކިން ޚާއްސަކޮށް ކޯވިޑް-19 މި ޙާލަތުގައި ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތަކާއި، ބޭހާއި، އެ ނޫންވެސް ސާމާނު ރާއްޖެއަށް ފޯރުކޮށްދިނުމަށް އެ ޤައުމުން ވެދެއްވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ މަސައްކަތްތެރިންނާއި، އެނބުރި ޤައުމަށްދާ ބޭނުންވާ ފަރާތްތައް ޤައުމަށް ފޮނުވާލުމަށް ރާއްޖޭން ކުރާ މަސައްކަތުގައި ބަންގްލަދޭޝް ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ޙާލަތާއި، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނަށް އެ ޤައުމުގެ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ބަންގްލަދޭޝް ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ބަންގްލަދޭޝްގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެ، އައު ސަފީރާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.