ރާއްޖޭގައި ހުރި އިޖްތިމާއީ
މައްސަލަތައް ހައްލުކުރައްވާނީ، އިޤްތިޞާދު ފުޅާކޮށްގެންކަމަށް
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ވިދާޅުވެއްޖއެވެެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ރާޅުގަނޑު ސަރަހައްދުގައި، ޗައިނާ
ސަރުކާރުގެ އެހީއާއެކު މާލެއާއި ހުޅުލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ
"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ ޑިޒައިން އިފްތިތާޙު
ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުނނެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޑިޒައިން
އިފްތިތާހު ކުރުމަށް ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު
ދައްކަވަމުން ނާއިބު ރައީސް އަޙްމަދު އަދީބު ވިދާޅުވީ، މާލެ -
ހުޅުލެ ބްރިޖަކީ މި ގައުމުގައި އޮތް އިޖުތިމާއީ އެންމެ ބޮޑު ގޮންޖެހުންތަކަށް
މިވަގުތު ހޯދޭނެ އެންމެ ބޮޑު ހައްލު ކަމަށެވެ. ސަރުކާރުން
އިޖްތިމާއީކަންކަމަށް ވުރެ އިސްކަންދެނީ އިގްތިސާދީކަންކަމަށް ކަަމަށް ބައެއް
ފަރާތްތަކުން ބުނަމުންދާކަމަށާއި އެހެންނަމަވެސް އިޖްތިމާއީކަންކަން ރަނގަޅުވާނީ
އިގްތިސާދީ ގޮތުން ރަނގަޅުވެގެން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އިޖުތިމާއީ
މައްސަލަތަކަށް ސަރުކާރުން ހައްލު ހޯއްދަވާނީ އިގްތިސާދު ފުޅާކޮށްގެން ކަމަށް
އެމަނިކުފާނު ވިދާޅުވިއެވެ.
ނާއިބު ރައީސް އަޙްމަދު އަދީބު ވިދާޅުވީ، ސަރުކާރުން އަޅަން އުޅެނީ ޚިޔާލީ
ބްރިޖެއް ނޫން ކަމަށާއި، މި ބްރިޖު ތަފާތުވާނެ ކަމަށެވެ. އެގޮތުން މި ބްރިޖް
ފަރުމާކޮށްފައި ވަނީ ވަރަށް ދުރުވިސްނިގެން ކަމަށާއި، މިއީ ރައްޔިތުންގެ
ހައްޤުގައި ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި ކަމެއްކަމަށް ވިދާޅުވިއެވެ. ބްރިޖްގެ
އަމަލީ މަސައްކަތް ކުރުމަށް ބޭނުންވާ ޗައިނާގެ ކޮންޓްރެކްޓަރެއް ހޯދުމަށް މިހާރު
އިޢުލާންކޮށްފައިވާކަން ފާހަގަކުރައްވާ ނާއިބު ރައީސް ވިދާޅުވީ، ކޮންޓްރެކްޓަރެއް
ޝޯޓްލިސްޓްކޮށް، ބްރިޖްގެ އަމަލީ މަސައްކަތް ވަރަށް އަވަަހަށް ފެށޭނެ ކަމަށެވެ.
ބްރިޖްގެ ފައިނަލް
ޑިޒައިން އިފްތިތާހްކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ބައިވެރިވެވަޑައިގެންނެވިއެވެ. ނާއިބު ރައީސް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ސަރުކާރާ
ހަވާލުވެވަަޑައިގެން އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ބްރިޖް އެޅުމަށާއި ރާއްޖޭގެ
އިގްތިސާދު ކޮޅަށް ޖެހުމަށެވެ.