ސިޔާސީ

މުހިއްމު ހެޔޮ ބަދަލުތަކެއް ޤާނޫނުތަކަށްވާނީ ގެނެސްފަ- މަސީހު


މިސަރަހައްދުގެ އެހެނިހެން
ގައުމުތަކާއި އަޅާބަލާއިރު ރާއްޖެއިން މުހިއްމު ހެޔޮ ބަދަލުތަކެއް ޤާނޫނުތަކަށް
ގެނެސް ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ފައިހަމަކޮށްފައިވާކަމަށް ވިދާޅުވެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންޓަރ ޕާލިމަންޓަރީ ޔޫނިއަންގައި
ތަގްރީރް ކުރައްވައިފިއެވެ. 

އިންޓަރ ޕާލިމަންޓްރީ ޔޫނިއަން ނުވަތަ، އައި.ޕީ.ޔޫ
އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤާނޫނުހަދާ މަޖިލިސްތައް ތަމްސީލުކުރެވޭ
ގޮތަށް ސަރުކާރުތަކާއި، ދައުލަތުގެ ނިޒާމުތައް ހިންގުމުގެ މަސައްކަތް ކުރާ
ޖަމްޢިއްޔާއެކެވެ. 

ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މެޖޯރިޓީ
ލީޑަރު އަހްމަދު ނިހާން ހިސައިން މަނިކު ވިދާޅުވީ، އައިޕީޔޫގެ ހަތަރުވަނަ ސްޕީކާސް
ކޮންފަރެންސްގައި ރާއްޖެއިން ދެކުނު އޭޝިއާ ސަރަހައްދުގެ މިލޭނިއަމް
ޑިވެލޮޕްމަންޓް ގޯލްސްގެ މުހިއްމު އަސާސްތަކާއި ލަނޑުތަނޑިތައް ހާސިލްކޮށްފައިވާ
މިންވަރަށް އަލިއަޅުއްވާ ލައްވާފައިވާނެކަމަށެވެ. 

އެގޮތުން ވިހިވިހީގެ
ތަސައްވަރަށް ރާއްޖެއިން ތައްޔާރުކުރި ކަރުދާހުގައި ސަރުކާރުގެ ޕޮލިސީތަކުގެ
ތެރޭގައި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ގެނެވުނު
ބަދަލުތަކަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތައް މުހިއްމު
ދައުރެއް އަދާކުރާކަން މަޖިލީހުގެ ރައީސްގެ ތަގްރީރުގައި ހާމަކޮށްފައިވާކަން ނިހާން
ފާހަގަކުރެއްވިއެވެ.




އައި.ޕީ.ޔޫގެ ފަރާތުން ބޭއްވި ހަތަރުވަނަ ސްޕީކާސް ކޮންފަރެންސްގެ ތީމަކީ
މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް އަދި ސަސްޓެއިންބަލް ޑިވެލޮޕްމަންޓް ގޯލްސް،
ގައުމުތަކުން ޙާސިލްކޮށްފައިޥާ މިންވަރު ދެނެގަތުމެވެ. މީގެ ބޭނުމަކީ އދ ގެ
ޖެނެރަލް އެސެމްބްލީއަށް އައިޕީޔޫގެ ފަރާތުން ހުށައެޅުއްވާ ކަރުދާހަށް
ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ދެކެވަޑައިގަންނަވާ ގޮތް
ހާމަކުރެއްވުމެވެ. އެގޮތުން މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސްގެ ދަށުން، ބަނޑުހައި
ހޫނުކަމުގައި ދިރިއުޅޭ މީހުން މަދުކުރުމާއި، ބޯހިޔާ ވަހިކަމުގެ ދަތިތަކާއި،
އަންހެން ފިރިހެން ޖިންސުގެ ތަފާތުކުރުންތައް 
ހުންނަ މިންވަރާއި ގުޅޭ ގޮތުން ގައުމުތަކުން ކަރުދާސް މި ބައްދަލުވުމަށް
ހުށައަޅާފައިވެއެވެ. ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވީ،
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުރުން، މަޖިލީހުގެ ނާއިބު ރައީސް މޫސާ
މަނިކާއި، މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އަދި މައިނޯރިޓީ
ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހުއެވެ.