ކާގޯ ފެރީއާއެކު ރާއްޖޭގެ މަހުގެ އުފެއްދުންތައް އިންޑިއާއަށާއި ޔޫރަޕަށް އެކްސްޕޯޓް ކުރަން މަގުފަހިވާނެ ކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިންޑިއާއާއި ރާއްޖެއާދެމެދު މިމަހުގެ 21 ވަނަ ދުވަހު ކާގޯ ފެރީގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ނަހުލާއާއި އިންޑިއާ ސަފީރު ވަނީ ކާގޯ ފެރީގެ ޚިދުމަތް ފެށުމަށް ވަމުންދާ އެންމެފަހުގެ ތައްޔާރީތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށްފުޅާކުރުމަށް ހުޅުވިގެންދާ ދޮރެއްކަން ފާހަގަކުރައްވާ، މިކަމުގެ ސަބަބުން ރާއްޖެއަށް ހުރި ފުރުޞަތުތަކާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުންވެސް އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއާއި އޭވިއޭޝަން ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުންވެސް މިނިސްޓަރ ނަހުލާ ވަނީ އިންޑިއާގެ ސަފީރާއެކު މަޝްވަރާކުރައްވާފައެވެ. އެގޮތުން ހަނިމާދޫ އެއަރޕޯޓްގެ ޕްރޮޖެކްޓާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އިންޑިޔާ ސަރުކާރުން ދިން ލައިން އޮފް ކްރެޑިޓް ދަށުން ކުރިއަށްދާ މިމަޝްރޫޢުގެ މަސައްކަތް މިއަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިފްތިތާހްކޮށް އަންނަ ޖެނުއަރީ މަހުގެތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށްވަނީ ނިންމަވާފައެވެ.
އިންޑިއާގެ ޓުޓިކުރިން ބަނދަރުން މިމަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކާގޯ ފެރީ ކޮޗިން އިން އެކްސްޕޯޓް އައިޓަމްތައް ހިފައިގެން ފުރަތަމަ އައުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 26 ގައި ހދ. ކުޅުދުއްފުއްޓަށެވެ. އަދި ކުޅުދުއްފުއްޓަށް ފަހު މިމަހުގެ 28 ގައި މާލޭގައި މި ފެރީ ބަނދަރުކުރާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ. އިންޑިއާއާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެއްޓެވުމަކީ ޒަރޫރީ ތަކެތީގެ ސަޕްލައި މެދުނުކެނޑި ދެމެހެއްޓުމަށްޓަކާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވި މުހިއްމު ނިންމެވުމެކެވެ. މި ޚިދުމަތުގެ ސަބަބުން ދިވެހި އެކްސްޕޯޓްވެސް ކުރިއަރައިގެންދާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.
އެގޮތުން ދިވެހި މަހުގެ އުފެއްދުންތައް އިންޑިއާއަށާއި ޔޫރަޕުގެ ބާޒާރުތަކަށް އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެކަން އެކޮމިޝަނުން ފާހަގަކުރައްވައެވެ. މި ދަތުރުތައް މަހަކު ދެ ފަހަރު އިންޑިއާއާއި ރާއްޖެއާދެމެދު ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ކާގޯ ފެރީގެ ގޮތުގައި ބޭނުންކުރަނީ ބޮޑެތި ފެރީތައްކަމަށްވުމުން ކުޅުދުއްފުށީ ބަނދަރަށް އެފެރީތައް ނުވެއްދޭނެކަމަށެވެ. އެހެންކަމުން މުދާ އަރުވާ ބޭލުމުގައި ބޭނުންކުރާނީ ޓަގުބޯޓާއި ބާޖުކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. އިންޑިއާގެ ކޮޗިންއާ ކުޅުދުއްފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ ރާއްޖޭގެ ލޯކަލް އެޖެންޓަކީ ދާދިފަހުން އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިންއެވެ.
ކާގޯ ފެރީގެ ޚިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ދެ ޤައުމުން ޤަބޫލުކުރެއެވެ. ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި ފަށާ މިޚިދުމަތާއެކު، ވިޔަފާރީގެ ގޮތުން އުތުރުގެ ރައްތަކަށް އިތުރު ކުރިއެރުންތައް ލިބޭނެއެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށާއި، އިންޑިއާ މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓަށް ނެރުމުގެ ފުރުސަތުވެސް ފަސޭހަކަމާއިއެކު ފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުވެސް ހެޔޮވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.