މިދިޔަ ޖޫންމަހު ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 93 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.9 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 56.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 93.08 އިންސައްތަ މަދު އަދަދެކެވެ.
ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވަނީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިން ގެނައުން ހުއްޓާލުމާ ގުޅިގެނެވެ. ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.
ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި 3.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 3.5 މިލިއަން ރުފިޔާއަކީ ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ ސަތޭކަ ނުވަދިހަ ނުވަ ހާސް ރުފިޔާއެވެ. ސަފާރީތަކުން ސަތޭކަ ނުވަދިހަ ފަސް ހާސް ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު، ހޮޓާތަކުން ލިބިފައިވަނީ 15 ހާސް ރުފިޔާއެވެ.
ވަކިވަކި އަތޮޅުތަކަށް ބަލާލާއިރު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ ނުހިމެނޭ ގޮތަށް ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެން ހުރި ގިނަ އަތޮޅުތަކުން ލިބިފައިވަނީ 2 ލައްކަ ރުފިޔާއާއި 3 ލައްކަ ރުފިޔާއާ ދެމެދުގެ އާމްދަނީއެކެވެ. 7 ސަރަޙައްދަކުން ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެއެވެ. އެއީ ށ އަތޮޅު، ފ އަތޮޅު، ތ އަތޮޅު، ލ އަތޮޅު ގދ. އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއެވެ.
ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 3.9 މިލިއަން ރުފިޔާއާއެކު، މިއަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އުޅެނީ 283 މިލިއަން ރުފިޔާއެވެ. އަދި އޭގެ ތެރެއިން 148 މިލިއަން ރުފިޔާ ވަނީ ގްރީން ފަންޑުން ޚަރަދުކުރާ އެކި އެކި މަޝްރޫޢުތަކަށް ޚަރަދުކޮށްފައެވެ.
ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ގްރީން ޓެކްސް ނަގަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.