ސިޔާސީ

މައްސަލަ އިސްތިއުނާފް ކުރާނީ ނަޝީދާއި މަޝްވަރާކުރުމަށްފަހު


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސްޕްރީމް ކޯޓްގައި އިސްތިއުނާފްކުރުމުގެ މައްސަލައާއިމެދު ގޮތެއްނިންމާނީ ރައީސް ނަޝީދާ މަޝްވަރާކުރެއްވުމަށްފަހު ކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ބުނެފިއެވެ.

ނަޝީދުގެ މައްޗަށް އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައެޅުމުން ހައިކޯޓުން ވަނީ އެމައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން ދެން އޮންނާނީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާކަމުގައިވާ ސްޕްރީމް ކޯޓްގެ މަރުހަލާއެވެ.

ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައަޅާފައިވަނީ ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލެވެ.

ޕީޖީ އޮފީހުން  ހުށަހެޅި މައްސަލަ ބަލައިގަތުމާއި މެދު ހައިކޯޓުން ނިންމެވި ނިންމެވުމުގައިވަނީ، އިސްތިއުނާފް ކުރެވިދާނެ ހާލަތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، މިމައްސަލައަކީ އެއިން ހާލަތަކަށް ފެތޭ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށެވެ. އަދި އަދި މިމައްސަލައަކީ އެފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް ހުކުމް ކުރައްވާފައިވާ ކުރީގެ ރައީސް ނަޝީދުގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަންވެސް ހައިކޯޓުގެ ނިންމެވުމުގައިވެއެވެ.

ޕީޖީ އޮފީހުން ބުނީ މިމައްސަލައިގައި ދެން އަމަލުކުރާނެ ގޮތަކާމެދު ޕީޖީ އޮފީހުން އަދި ވަކިއެއްޗެއް ބުނަން ބޭނުންނުވާކަމަށެވެ.