ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވެ ވިއްސާރަކުރާނެތީ، މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މޫސުމާބެހޭ ޤައުމީ އިރާދާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓް ވެސް ނެރެފައެވެ. މި އެ އެލަރޓް ނެރެފައިވަނީ މިއަދުގެ ހަވީރު 16:30 އިން ފެށިގެން މިރޭ 21:00 ޖެހުމާހަމައަށެވެ.
ވައިޓް އެލަރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އއ. އަތޮޅާއި ހަމައަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވައިޓް އެލަރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ކުރުން އެކަށީގެންވާކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެތީވެ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.