ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް 80 ފަރާތަކުން ކުރިމަތިލާފައިވޭ - މީޑިއާ ކައުންސިލް


ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ދޭ ނޫސްވެރިކަމުގެ އިނާމަށް 80 ފަރާތަކުން ކުރިމަތިލާފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިއަދު ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިފަހަރުގެ އިނާމަށް އެމް.އެމް.ސީން ހުޅުވާލާފައިވަނީ އަލަށް 2 ދާއިރާއަކުން އިނާމު އިތުރުކުރުމަށްފަހުއެވެ. މި ފަހަރުގެ އެވޯޑަށް އަލަށް އިތުރުކޮށްފައިވަނީ ތަޙްޤީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމްއާއި، ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ މި 2 ދާއިރާއެވެ. މީގެއިތުރުންވެސް 9 ދައިރާއަކުން ނޫސްވެރިންނަށް އިނާމު ދިނުމަށް މީޑިއާ ކައުންސިލުން ވަނީ ނިންމަވާފައެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ، އިނާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 11 ދާއިރާއަށް 80 ހުށަހެޅުން ލިބިފައިވާކަމަށެވެ. މީގެ ތެރެއިން އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ ޕްރިންޓް އަދި އޮންލައިން ކެޓަގަރީންނެވެ. އެގޮތުން އެ ކެޓެގަރީން 61 ހުށަހެޅުން ލިބިފައިވާއިރު، ބްރޯޑްކާސްޓިންގ ކެޓަގަރީން 14 ހުށަހެޅުމަށް ވަނީ ލިބިފައިވާކަމަށް އެމް.އެމް.ސީން ވިދާޅުވެއެވެ. އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް 5 ފަރާތަކުން ކުރިމަތިލާފައިވާކަމަށްވެސް އެމް.އެމް.ސީން ވިދާޅުވެއެވެ.

މި ފަހަރު އިނާމް ދިނުމަށް ނިންމާފައިވާ 11 ދާއިރާގެ ތެރެއިން އެންމެ ވާދަވެރި ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ފީޗަރ ރިޕޯޓް ލިޔުމުގެ ދާއިރާއެވެ. އެގޮތުން އެ ދާއިރާއިން ޕްރިންޓް އަދި އޮންލައިން ކެޓަގަރީން 24 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އަދި އެ ދާއިރާއިން ބްރޯޑްކާސްޓިންގ ކެޓަގަރީން 5 ފަރާތުން ކުރިމަތިލާފައިވެއެވެ.

ނޫސްވެރިންގެ އަގު ވަޒަންކުރުމުގެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ އިނާމް ދެމުންނެވެ.