އަލީބާބާގެ ބާނީ ޖެކް މާ ފަހަތަށް ޖައްސާލުމަށްފަހު ޗައިނާގެ އެންމެ މުއްސަނދި މީހާގެ ޝަރަފު ފުޅީގައި ފެން ބަންދުކުރާ ކުންފުންޏެއްގެ ވެރިޔަކު ހޯދައިފިއެވެ.
މަޝްހޫރު ބުލޫމްބާގްއިން ބުނާގޮތުން ޗައިނާގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާއަކީ، ފުޅީގައި ފެން ބަންދުކުރާ ކުންފުންޏެއްކަމަށްވާ ނޮންފޫ ސްޕްރިންގެ ބާނީ ޒޮންގް ޝަންޝަންއެވެ. ބުލޫމްބާގްއިން ބުނާގޮތުން އޭނާގެ މިލްކިއްޔާތުގައި 58.7 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
1996 ވަނަ އަހަރު ޤާއިމްކުރި ބޮޓްލިންގ ކުންފުނީގެ އިތުރުން، ވެކްސިން އުފައްދާ ކުންފުންޏެއްގައިވެސް ޒޮންގްގެ ބޮޑު ހިއްސާއެއް އޮވެއެވެ.
ޗައިނާގައި ހުރި އެންމެ މުއްސަނދި މީހާގެ އިތުރުން، ޒޮންގްއަކީ އިންޑިއާގެ މުކޭޝް އަމްބާނީގެ ފަހަތުން އޭޝިޔާގައި 2 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އަދި ދުނިޔޭގެ 17 ވަނައަށް އެންމެ މުއްސަނދި މީހާވެސް ވެސްމެއެވެ.
ޒޮންގެ ވެކްސިން އުފައްދާ ކުންފުނިން މިހާރުވެސް ދަނީ މަޝްހޫރު ދެ ޔުނިވަރސިޓީއަކާ ގުޅިގެން ކޯވިޑްއަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާގެ ބޮޓްލިންގ ކުންފުނިން އުފައްދާ ފެނަކީ އެންމެ އާދައިގެ ގޭގޭގެ އިތުރުން، އެންމެ މަތީ ފަންތީގެ ހޮޓާތަކަށްވެސް ފޯރުކޮށްދޭ ފެންފުޅިތަކެކެވެ.
ޚަބަރުތައް ބުނާގޮތުން ޖެކް މާ ފަހަތަށް ޖައްސާލުމަށްފަހު ޒޮންގ ޗައިނާގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި މާގިނަ ދުވަހު ނުހުންނާނެއެވެ. އެއީ ޖެކްމާގެ އަލީ ބާބާގެ ގްރޫޕުގެ ދަށުން ހިންގާ ކުންފުންޏެއް ޗައިނާއާއި ހޮންގކޮންގެ ސްޓޮކްމާކެޓްތަކުގައި އަންނަމަހު ލިސްޓްކުރުމަށް ނިންމާފައިވާތީއެވެ. އެއާއެކު ޖެކްމާގެ މިލްކިއްޔާތަށް އިތުރު 28 ބިލިއަން ޑޮލަރު ލިބޭނެކަމަށް ޚަބަރުތައް ބުނެއެވެ.