އިންޑި އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑި އާއި ރާއްޖެއާއި ދެމެދު މުދާ ގެނައުމަށް ފެށުނު ކާގޯ ފެރީގެ ޚިދުމަތާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޓެގްކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓުގައި އެމަނިކުފާނު ވަނީ، އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުށި ސިޓީއަށް ކާގޯ ފެރީގެ ޚިދުމަތް ފެށިގެންދިޔަކަމަށްޓަކާ އިންޑިއާގެ ބޮޑުވަޒީރަށާއި، އިންޑިއާ ސަރުކާރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން، އިތުރަށް ބަދަހި ވެގެންދާނެކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. އަދި މި ޚިދުމަތުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށްވެސް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ޓުޓިކުރިން ބަނދަރުން ފުރައިގެން ކޮޗިންއިން މުދާ ހިފައިގެން ފުރަތަމަ ކާގޯ ފެރީ ރާއްޖެއައުމަށް ދަތުރު ފަށާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
4 ދުވަހުގެ ދަތުރަކަށް ފަހު، މި ކާގޯ ފެރީ މިހާރު ވަނީ ކުޅުއްދުއްފުއްޓަށް ބަނދަރުކޮށްފައެވެ.
ގާތްގަނޑަކަށް 3000 ޓަނުގެ މުދާ އުފުލޭ މި ބޯޓުގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ބާލާފައިވެއެވެ.
ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު މި ފެރީ މިމަހުގެ 28 ވަނަ ދުވަހު މާލޭގައިވެސް ބަނދަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެއްޓެވުމަކީ ޒަރޫރީ ތަކެތީގެ ސަޕްލައި މެދުނުކެނޑި ދެމެހެއްޓުމަށްޓަކާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވި މުހިއްމު ނިންމެވުމެކެވެ.
މި ޚިދުމަތުގެ ސަބަބުން ދިވެހި އެކްސްޕޯޓްވެސް ކުރިއަރައިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އެގޮތުން ދިވެހި މަހުގެ އުފެއްދުންތައް އިންޑިއާއަށާއި، ޔޫރަޕުގެ ބާޒާރުތަކަށް އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
އަދި ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށާއި، އިންޑިއާ މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓަށް ނެރުމުގެ ފުރުސަތުވެސް ފަސޭހަކަމާއިއެކު ފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުވެސް ހެޔޮވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.