ކޯވިޑް-19ގެ ބަލިމަޑުކަމުގެ މި ޙާލަތުގައިވެސް ދުޅަހެޔޮކަމާއި ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިވާނެ އާދަތައް ކުރިއަރުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މުޅި ދުނިޔެ މިހާރު ހަނގުރާމަ ކުރަމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު އިންސާނުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ، އާއްމު ދިރިއުޅުމަށް ކުރާ ކަންކަން މަޑުޖެހިފައިވާކަމަށެވެ. އަދި ކޯވިޑް-19 އާއެކު ހާސްކަމާއި މާޔޫސްކަން ކޮންމެ ދުވަހަކުހެން ތަޖުރިބާކުރަންޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ހިތުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ދުޅަހެޔޮކަމާއި ހަރަކާތްތެރި ދިރިއުޅުމަކަށް ބޭނުންވާނެ ރަނގަޅު އާދަތައް ކުރިއަރުވަންޖެހޭކަމަށެވެ. އަދި ހިތުގެ އެކި ބަލިތަކުން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
"ވޯލްޑް ހާޓް ޑޭ" ނުވަތަ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ހެލްތް މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްވެސް ވަނީ ޚާއްސަ ވީޑިއޯ މެސެޖެއް ދެއްވާފައެވެ. މިނިސްޓަރ އަސްލަމް ދެއްވި މެސެޖުގައި މިފަދަ ދުވަހެއްގައި ހިތައް އަނިޔާވާ އެންމެހާ ކަންކަމުން ދުރުހެލިވުމަށް އަޒުމް ކަނޑައަޅަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ހިތުގެ ވިންދުޖެހުން ދުޅަހެޔޮކޮށް ބެހެއްޓުމަކީ މުހިއްމުކަމެއްކަމަށާއި، އުފާވެރި ހަޔާތެއް ލިބޭނީ ދުޅަހެޔޮ ހިތަކާއެކުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، މުޅި ދުނިޔެވެސް ހޭދަކުރަމުން މިގެންދަނީ ހިތާމަވެރި ވަގުތުތަކެއްކަމަށާއި، މިފަދަ ދުވަސްތަކެއްގައިވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އެގޮތުން ކަސްރަތު ކުރުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ހިތްހަމަޖެހުން ލިބޭ ކަންކަން ކުރުމަށް މިނިސްޓަރ އަސްލަމް ވަނީ އެދިވަޑައިގަންނަވާފައެވެ.
ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވަނީ ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގެ ސަބަބުން ކަމަށްވާއިރު ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ ތެރޭގައި ހިމެނޭ ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ސަބަބުން ޅައުމުރުގައި މީހުން ދުނިޔެ ދޫކުރެއެވެ. ހަމައެހެންމެ ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށްވެސް މިފަދަ ބަލިތައް ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ޞިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ ވޯލްޑް ހާޓް ފެޑެރޭޝަންގެ އިސްނެގުމަކަށް 2000 ވަނަ އަހަރުން ފެށިގެންނެވެ.