އެކިކަހަލަ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއިމެދު ބާރުގެ ބޭނުންކުރާއިރު، އެކަމަށް ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އެކަން ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ސީޕީ ހަމީދު މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ "އިންޓަރނޭޝަނަލް ޑޭ އޮފް ނޮން-ވަޔަލަންސް" ދުވަހާއި ގުޅުވައިގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައިވެސް އަނިޔާވެރިކަން ބައެއް ފަހަރު ފެނިގެންދާކަމަށާއި، ރިކޯޑް ކުރެވޭ ބައެއް ކުށްތަކުގެ ތެރޭގައިވެސް އަނިޔާވެރި ކުށްތައް ފާހަގަކުރެވިގެންދާކަމަށެވެ. އަދި އަނިޔާވެރި ކުށްތަކުގެ އަސަރުކުރާ ގޭބިސީތަކަށާއި، ގޭބިސީތަކުގެ ވަކިވަކި ފަރުދުން އެއީ ކޮންމެ އުމުރުފުރާއެއްގެ މީހެއްކަމުގައިވިޔަސް އެ ފަރާތްތަކާ ދޭތެރޭގައި އަޅާލުން އެއީ މުހިއްމުކަމެއްކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ، ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދުގައި ތަޙްޤީޤު ހިންގާ އަދި އެފަރާތްތައް ޝަރިޢަތުގެ ކުރިމައްޗަށް ޙާޟިރުކުރުން އެއީ ކޮންމެ ދުވަހަކުވެސް ފުލުހުން ކުރަމުންދާ މަސައްކަތެއްކަމަށެވެ. އަދި މި މަސައްކަތް ކުރުމުގައި ދިވެހި ފުލުހުން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމަށާއި، ފުލުހުންގެ ވާޖިބުތައް އަދާކުރުމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަޢުލަތެއްގެ ތެރޭގައި ޤާނޫނުތަކުން ބާރު ލިބިގެން އެކި ފަރާތްތަކުގެ މައްޗަށް ފޯސް އެޕްލައިކުރުން ނުވަތަ ބާރުގެ ބޭނުންކުރުމުގެ ހުއްދަ ދެވިފައި އޮންނަ އެއް މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަން ފާހަގަކުރައްވާ ސީޕީ ހަމީދު ވަނީ ފުލުހުންނަށް ޚާއްސަ އިލްތިމާސެއް ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ ތެރެއިން އެކިކަހަލަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ ތެރެއިން ފުލުހުންނަށް ބާރުގެ ބޭނުން ކުރަންޖެހިއްޖެ ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އެ އަޅާ ފިޔަވަޅެއް އެޅުމުގައި އެކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުޞޫލުތަކުގެ ތެރެއިން ބާރުގެ ބޭނުން ހިފުމަށް ޕޮލިސް ކޮމިޝަނަރ ވަނީ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.
"މިއަދު އަޅުގަނޑުގެ އެއް އިލްތިމާސެއް އެބައޮތް ފުލުހުންނަށްވެސް. އެއީ ރައްޔިތުންގެ ތެރޭގައި ހިމެނޭ ފަރާތްތަކުގެ ތެރެއިންވެސް ކުށްތަކަށް އަރައިގަންނަ ބައެއް ފަހަރު ވަޔަލަންސްގެ ބޭނުންކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅާ އެޅުމުގައިވެސް އެ އޮންނަ މިންގަނޑުތަކާއި އުޞޫލުތަކުގެ ތެރެއިން އެ އަޅަންޖެހޭ ފިޔަވަޅު އެޅުން. ޚާއްސަގޮތެއްގައި ފޯސް ޔޫސްކުރުމުގައި އެ ޢަމަލުކުރަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން އެއީ އަޅުގަނޑު ކުރާ އިލްތިމާސެއް." ސީޕީ ހަމީދު ވިދާޅުވިއެވެ.
ސިޕީ ހަމީދުގެ މެސެޖުގައި ފުލުހުންގެ ވާޖިބު އަދާކުރުމަށްޓަކައި މުޖުތަމަޢުގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ފުލުހުންނަށްވެސް ނިސްބަތްވާގޮތަށް ފުލުހުންނަށްވެސް އަމާޒުކުރެވިގެން އެކި ފަހަރު އެކިވަރުވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. "އިންޓަރނޭޝަނަލް ޑޭ އޮފް ނޮން-ވަޔަލަންސް"ގެ ގޮތުގައި ދުވަހެއް ފާހަގަކުރަމުން ދާއިރު، ހުރިހާ ފަރާތްތަކުންވެސް އަނިޔާ އާއި ދުރުވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އަޅުގަނޑުމެންގެ މުޖުތަމައަކީ އަމާން ރައްކާތެރި އެންމެންނަށް ފައިދާތަކެއް ލިބިގެންދާ މުޖުތަމައަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަނިޔާ އާއި ދުރުވެގެން ތިބުން ވަރަށް މުހިއްމުކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.