ޚަބަރު

ނަރުދަމާގެ ނިޒާމާއެކު ފިއްލަދޫ ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފަށް ނިމުމެއް


އާބަދީގައި 1100 އެއްހާ މީހުން ދިރިއުޅެމުން އަންނަ ހއ.ފިއްލަދޫގައިވެސް އާއްމުކޮށް ކޮށްއުޅޭ މަސައްކަތަކީ ކޮންސްޓްރަކްޝަންގެ މަސައްކަތްތަކެވެ. އޭގެ އިތުރަށް ދެން އެރަށު ޒުވާނުންނަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ ބައެކެވެ. އާއްމުގޮތެއްގައި ފިއްލަދޫގެ އަންހެނުން އާމުދަނީ ހޯދުމަށް ކޮށްއުޅޭ މަސައްކަތަކި ފަންގިވިނުމެވެ.

ރައްޖޭގެ ރަށްތަކަކީ ޤުދުރަތިގޮތުން ކިތަންމެ ރީތި ރަށްތަކެއްކަމުގައި ވީނަމަވެސް ކޮންމެ ރަށަކަށްވެސް އެކިކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ޚާއްސަކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބޭ މައްސަލައަކީ ބޮޑުމައްސަލައަކަށް އޮންނަނީ ވެފައެވެ. މިގޮތުން ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން ފިއްލަދޫއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމުގެ މައްސަލައެވެ. އެހެން ނަމަވެސް މިހާރު މިވަނީ އެރަށު ރައްޔިތުންގެ އެތައް ދުވަހެއްގެ އިންތިޒާރު ނިމުމަކާއި ހަމަޔަށް އައިސްފައެވެ.

ފެނާއި ނަރުދަމާގެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން އެރަށު ރައްޔިތުންވެސް ދިރިއުޅެމުން އައީ ވަރަށް ތަކުލީފާއި އެކުގައެވެ. ރާއްޖޭގެ ފެންތިލަ ރަށްތަކުގެ ތެރެއިން ފިއްލަދޫއަކީ ވެސް އެ ލިސްޓުގައި ހިމެނޭ ރަށެކެވެ. މިގޮތުން ފިއްލަދޫގެ ބިމުން އެވްރެޖްކޮށް ދޮޅުފޫޓު ކޮނެލާއިރަށް ފެނާއި ޖެހެއެވެ. ކައުންސިލުން ވިދާޅުވާ ގޮތުގައި ރަށުގެ ހުރިހާ ސަރަހައްދަކުންވެސް 16 އިންޗި އާއި 18 އިންޗިއާއި ދެމެދުން ފެންފަށަލަ އާއި ޖެހެއެވެ. ފެންތިލަވުމުގެ ސަބަބުން ފެން ލޮނުވުމާއި ޖަކްޝަންތައް ފުރި ބަންޑުންވެ ބައެއްހާލަތްތަކުގައި މަގުތަކަށްވެސް ނަޖިސް ފެތުރެއެވެ. ފިއްލަދޫގެ ކައުންސިލްގެ ރައީސް މުޙައްމަދު ފަލާޙް ވިދާޅުވީ އެރަށަކީ ރަނގަޅު ފެންވަރެއްގެ ނަރުދަމާ ނިޒާމަކަށް ބޭނުންޖެހިފައިވާ ރަށެއްކަމަށެވެ. ފަލާޙް ވިދާޅުވީ އެ ރަށުގައި ފެންތިލަވުމުގެ ސަބަބުން މިހާރު ބޭނުންކުރަމުންދާ ޖަންގްޝަންތަކުގައި ގިނަ މައްސަލަތަކެއް ޖެހޭކަމަށެވެ.

މިގޮތުން ފެންހިންދުމާއި ސެޕްޓިކްޓެންކްތައް ފުރުމުގެ ސަބަބުން ފާޚާނާ ބޭނުންނުކުރެވޭ ޙާލަތަށްވެސް އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ކަންތައްވުމުގެ ސަބަބުން ބައެއް ފަހަރު ފެންވެރުމަށްވެސް ބިމުން ނަގާ ފެން ބޭނުން ނުކުރެވޭ ޙާލަތްތަކާއި ކުރިމަތިވާކަމަށް ފަލާހް ވިދާޅުވިއެވެ. ފަލާޙް ވިދާޅުވީ ރަށުގެ ފެން ލޮނުވުމުގެ ސަބަބުން ދަނޑުވެރިކަންކުރާ ފަރާތްތަކަށްވެސް އެކަމުގެ ތަކުލީފު އުފުލަން ޖެހޭ ކަމަށެވެ.

"މި ރަށުގެ ފެންވަރަށް ބޮޑަށް ތަޣައްޔަރުވެފައި މިވަނީ . ފެނާއި ނަރުދަމާ ނިޒާމް އަޅައިދިނުމަކީ ސަރުކާރުން ކޮށްދޭ އަސާސީ ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތް. މިއީ މި ރަށު ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެއް އުއްމީދު ކުރަމުން އައިކަމެއް. މިކަން ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރިން." ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާޙް ވިދާޅުވިއެވެ.

ފިއްލަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދިނުމަށްޓަކައި އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު މިވަނީ ފަށާފައެވެ. ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުގައެވެ. މިހާތަނަށް އައިއިރު މި މަސައްކަތުގެ 18 އިންސައްތަ ވަނީ ނިންމާފައެވެ. މިގޮތުން މަސައްކަތް ކުރިއަގެންދިޔުމަށްޓަކައި ހަދަންޖެހޭ އިއައިއޭ ވަނީ އެޕްރޫވްވެފައެވެ. އަދި މިހާރު ފެނާއި ނަރުދަމާ މަޝްރޫޫއުގެ ޑީޓެއިލްޑް ޑިޒައިން ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެޑްމިނިސްޓްރޭޓިވް ބިލްޑިންގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ފިއްލަދޫގައި ކުރިއަށްގެންދާ ނަރުދަމާ އެޅުމުގެ މަޝްރޫޢުގައި ގްރެވިޓީ އަދި ޕްރެޝަރ ނެޓްވޯކް އެޅުމާއި ޕަންޕް ސްޓޭޝަން ބެހެއްޓުމާއި ނަރުދަމާ ސީ އައުޓްފްލޯ އެޅުމާއި އެޑްމިނިސްޓްރޭޝަން އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި ރިވަރސް އޮސްމޯސިސް ޕްލާންޓް ބެހެއްޓުމާއި ސްޓޯރޭޖް ޓޭންކާއި ރެއިން ވޯޓަރ ކަލެކްޝަން ސިސްޓަމެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވޯޓަރ ޑިސްޓްރިިބިއުޝަން ނެޓްވޯކް އެޅުމުގެ އިތުރަށް އެޑްމިނިސްޓްރޭޝަން އިމާރާތެއްވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތުގެ ބަޖެޓުންނާއި އެކި ފަރާތްތަކުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެކުގައެވެ. މިގޮތުން މުޅި މަޝްރޫއުއަށް ޖުމުލަ ހަތާވީސް މިލިޔަން ތިންސަތޭކަ ނުވަދިހަ ނުވަހާސް ހަތްދިހަ ފަސް ރުފިޔާ ޚަރަދުވެއެވެ. މީގެ ތެރެއިން ހަތް މިލިޔަން ފަސްސަތޭކަ އަށްޑިހަ ނުވަ ހާސް ހަސަތޭކަ ހަތްދިހަ ހަ ރުފިޔާ ޚަރަދު ކުރަނީ މިއަހަރުގެ ދަޢުލަތުގެ ބަޖެޓުންނެވެ.

މި މަޝްރޫއުގެ ޢަމަލީ މަސައްކަތް އަންނަ އަހރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު މަސައްކަތް ނިމުމުން އެރަށުގައި މީހުން ދިރިއުޅޭ 150 ގެއަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭން ފެށޭނެއެވެ. އަދި ފިއްލަދޫގެ ރައްޔިތުން މިހާރު އުފުލަން ޖެހިފައިވާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެން ދާނެއެވެ.