ޚަބަރު

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 4 މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 4 މީހަކު ހައްޔަރުކޮށްފިއެވެ.

މި 4 މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދެ މީހުންނާއި، 22 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ އަންހެނެކެވެ. މި 4 މީހުންނަކީވެސް ދިވެހިންނެވެ.

އެގޮތުން މި މަހުގެ 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކުގައި ފުލުހުން ވަނީ ހުޅުމާލޭގެ 3 ފްލެޓެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 17 ރަބަރު ޕެކެޓާއި، 16 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތީގެ އިތުރުން ގިނައަދަދެއްގެ ފައިސާ ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީޤު ކުރަމުންނެވެ.