ޚަބަރު

ޅ. އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޚާއްޞަ 5 ސަރަހައްދެއް ހިމާޔަތްކޮށްފި


ޅ. އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޚާއްޞަ 5 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއިއެކު، ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވަނީ މި 5 ސަރަޙައްދު ހިމާޔަތް ކުރަން ނިންމަވާފައެވެ. މިގޮތުން ޅ. އަތޮޅުން ހިމާޔަތްކޮށްފަިއވާ 5 ސަރަޙައްދަކީ ޅ އަތޮޅުގެ މާގަނޑު ތިލަ ސަރަޙައްދާއި، ސެއްޅިފުށި-ހިރިޔަދޫ ސަރަޙައްދާއި ،މާކޯ ސަރަޙައްދާއި ،ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަޙައްދު އަދި ދަށުގިރި ފިނޮޅު ސަރަހައްދެވެ.

މި ތަންތަނަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި، ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މަޢުލޫމާތުތަކެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ފާދިއްޕޮޅުގެ 2 ސަރަހައްދެއް ވަނީ 1995 ސެޕްޓެމްބަރު 27 ގައި ހިމާޔަތް ކޮށްފައެވެ. އެއީ ޅ.ފުށިފަރު ތިލަ ސަރަހައްދާއި، 1999 އޮކްޓޫބަރު 21 ގައި ހިމާޔަތްކޮށްފައިވާ ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއެދޫ އެކްސްޕްރެސް) ސަރަހައްދުއެވެ.

މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، ފާދިއްޕޮޅުގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާނެކަމަށް އެންވަޔަރމަންޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މިތަންތަން ހިމާޔަތްކުރުމުން މިކަމުގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ލިބުމާއެކު، އެކޯ ޓޫރިޒަމާއި، އިންޓަރގްރޭޓެޑް ޓޫރިޒަމާއި، ދިރުން ހުރި އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ތެރެއިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓް ކުރައްވާފައެވެ.