ޚަބަރު

ފަންސާސް މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި


ފަންސާސް މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ޔެލޯ އެލާޓް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން މެންދުރު 12:30 އާއި ހަމައަށެވެ.

މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލަރޓްގައި ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އާއްމު ވައި ގަޑިއަކު 25 މޭލާއި 30 މޭލު ބާރުމިނުގައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެކަމަށްވެސް މޫސޫމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަށާއި، ކަނޑުދަތުރުކުރައްވާ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ދަތުރުކުރެއްވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވާފައިވެއެވެ.