ޚަބަރު

ޤާޟީ އިބްރާހީމް ޢަލީ ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް އިސްތިއުފާ ދެއްވައިފި


ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާދެއްވާފައިވާ ސަބަބާއި ގުޅޭގޮތުން ބައެއް މީޑިޔާތަކުގައި އިބާރްހިމް އަލީ ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވީ ހައްގު ހޯދަން ދާނެ ތަނެއް ނެތުމުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީގެ މައްޗަށް ޖޭ.އެސް.ސީން ތަޙްޤީޤުކޮށްފައިވާ މައްސަލައަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ލިބޭ 10 މީހަކު ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ނިންމައި، އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖައާ ކުރަން ހައި ކޯޓުން އަމުރު ކުރުމުން އެކަމާ މެދު ގޮތެއް ނިންމުން އޭނާ ލަސް ކުރައްވާފައިވާ މައްސަލައާ ގުޅިގެންނެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު 10 މީހުންގެ ތެރެއިން 9 މީހެއްގެ މައްސަލައިގައި، އެކި ތާރީޚުގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ޢަމަލުކުރައްވާފައި ނުވާކަމާއި، އެމައްސަލަތަކުގައި ބަންދު މުރާޖަޢާކޮށްދިނުމަށް އެދި 23 އޮކްޓޫބަރު 2018 ގައާއި، 30 އޮކްޓޫބަރު 2018 ގައި އަދި 12 ނޮވެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެންވެސް ބަންދު މުރާޖާޢާ ކުރުމަށް އަޑުއެހުމެއް ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ތާވަލުކޮށްފައިނުވާކަން ޖޭ.އެސް.ސީގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.

މި މައްސަލައިގެ، ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުޢީދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ޤާޟީ އިބްރާހީމް ޢަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.