ވިޔަފާރި

އާދިއްތަދުވަހު ވީއައިއޭގެ ފްލައިޓް މޫވްމަންޓްސްތައް ރެކޯޑު އަދަދަކަށް އިތުރުވެއްޖެ


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު މިދިޔަ އާދީއްތަ ދުވަހު ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓުތަކުގެ އަދަދު 147 އަރައެވެ.

މީގެތެރޭގައި ހިމެނެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ 39 ފުލައިޓު މޫވްމަންޓާއި، ސީޕްލޭންގެ 108 އެއަރ ޓްރެފިކް މޫވްމަންޓެވެ. އެއަރ ޓްރެފިކް މޫވްމަންޓަކީ، އެއަރޕޯޓަށް ޖައްސާ ފްލައިޓުތަކުގެ އަދަދާއި އެއަރޕޯޓުން ފުރާފައިވާ ފްލައިޓުތަކުގެ އަދަދެވެ.

ބޯޑަރުތައް އަލުން ހުޅުވާލިފަހުން ރާއްޖޭގެ ޤައުމީ އެއަރލައިން ހިމެނޭހެން 10 އެއަރލައިންއަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. މީގެތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓްތަކުންނެވެ. ސެޕްޓެމްބަރުމަހުގެ ނިޔަލަށް ޤަތަރު އެއަރވޭސްގެ 60 ފްލައިޓެއް ވަނީ ރާއްޖެއަށް ބާއްވާފައެވެ. މި ފްލައިޓުތަކުގައި އެ އެއަރލައިނުން ރާއްޖެއަށް 4566 ފަތުރުވެރިން ވަނީ އައިސްފައެވެ.

2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އެމިރޭޓްސްއިންނެވެ. އެމިރޭޓްސްއިން ރާއްޖެއަށް 50 ދަތުރު ކޮށްފައިވާއިރު މި ދަތުރުތަކުގައި 4058 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުރަބަންދުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން ބަންދުކޮށްފައި ވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. އަދި ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުއަލުން ހުޅުވާފައިވާއިރު، ރިސޯޓްތައްވެސް ދަނީ ފަތުރުވެރިންނަށް ހުޅުވާލަމުންނެވެ. އަދި އަންނަ ބުރާސްފަތިދުވަހު ގެސްޓުހައުސްތައްވެސް ފަތުރުވެރިންނަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންވެ.