ދުނިޔޭގެ ވިޔަފާރި

ޗައިނާއިން ވިލާތަށް އެތެރެކުރާ އެލުމިނިއަމްއިން ނަގާ ޓެރިފް ބޮޑުކޮށްފި


ނުއަގުގައި އެލުމިނިއަމް ވިއްކާކަމަށް ބުނެ ވިލާތުގެ އިއްތިހާދުން ޗައިނާއިން އެތެރެކުރާ އެލުމިނިއަމްއިން ނަގާ ޓެރިފް 48 އިންސައްތައާއި ހަމައަށް ބޮޑުކޮށްފިއެވެ.

ވިލާތުގެ އިއްތިހާދުން މި ނިންމުން ނިންމާފައި މިވަނީ، ޗައިނާއިން އެލުމިނިއަމް ނުއަގުގައި ވިއްކާކަމަށް ބުނެ 27 ޤައުމުގެ މައްޗަށް އެކުލެވޭ ޔޫރަޕިއަން ކޮމިޝަންއަށް ހުށަހަޅާފައިވާ މައްސަލައެއް ތަޙުޤީޤުކުރަން ފަށާފައިވަނިކޮށެވެ.

ވިލާތުގެ އިއްތިހާދުން ބުނީ ޓެރިފް ނެގުން އިތުރުކޮށްފައިވަނީ ވަގުތީ ގޮތުންކަމަށެވެ. އަދި ފަސް އަހަރުގެ މުއްދަތަކަށް މި ޓެރިފް އިތުުުރުކުރަން ހިމަނާފައިވީނަމަވެސް، ޔޫރަޕިއަން ކޮމިޝަންއަށް ހުށަހަޅާފައިވާ މައްސަލައިގެ ތަޙޫޤީޤު ނިމުނުހާ އަވަހަށް މައްސަލައިގައި އަމަލުކުރާ ގޮތް ތަފާތުވާނެކަމަށް ވިލާތުގެ އިއްތިހާދުން ބުނެއެވެ. ވިލާތުގެ އިއްތިހާދުން ވަނީ އަންނަ އަހަރުގެ އޭޕްރިލްމަހާއި ހަމައަށް މައްސަލައިގެ ތަޙުޤީޤު ނިމޭނެކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ.

ނުއަގުގައި އެލުމިނިއަމް ވިއްކާކަމަށް ބުނެ ވިލާތުގެ އިއްތިހާދުން ޗައިނާއިން އެތެރެކުރާ އެލުމިނިއަމްއިން ނަގާ ޓެރިފް ބޮޑުކޮށްފައިވާއިރު، ޗައިނާގެ އެކި ކުންފުނިތަކުން ނަގާ ޓެރިފްގެ އަގު ތަފާތެވެ. އެގޮތުން އަލަށް އިތުރުކުރި އަދަދާއެކު 30 އިންސައްތައާއި 48 އިންސައްތައިގެ ރޭންޖެއްގައި ޓެރިފް ބޮޑުވާނެކަމަށް ވިލާތުގެ އިއްތިހާދުން ބުނެއެވެ.

އަލަށް ނަގަން ފެށި ޓެރިފްއާއެކު ޗައިނާގެ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެކުންފުނިތަކުން ދަނީ ނުއަގުގައި އެއްވެސް އެއްޗެއް ވިއްކާފައި ނުވާނެކަމަށް ބުނެފައެެވެ. މި މައްސަލައިގައި ޗައިނާ ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނުއަގުގައި އެލުމިނިއަމް ވިއްކާކަމަށް ބުނެ ވިލާތުގެ އިއްތިހާދުން ޗައިނާއިން އެތެރެކުރާ އެލުމިނިއަމްއިން ނަގާ ޓެރިފް ބޮޑުކޮށްފައިވާއިރު، ޔޫރަޕިއަން ކޮމިޝަނުން މިއަހަރުގެ ކުރީކޮޅު ޗައިނާއާއި ޓައިވާން އަދި އިންޑޮނޭޝިއާއިން އެތެރެކުރާ ސްޓެއިންލެސް ސްޓީލްގެ އެންޓި ޑަމްޕިން ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ.