ކުޅިވަރު

ޗެލްސީއާ ދެކޮޅަށް ނިކުންނައިރު ދައްކާނެ ބަހަނާއެއް ނެތް - ވެންގާ




ޕްރިމިއަރ ލީގުގައި މާދަމާ ޗެލްސީއާ ބައްދަލްކުރާ
މެޗަށް ބަހަނާތަކެއް ދައްކަން ބޭނުން ނުވާކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގަރ
ބުނެފި.



ލަންޑަންގެ ވާދަވެރި ދެ ކްލަބްކަމަށްވާ އާސެނަލްއާއި
ޗެލްސީ މާދަމާ ރާއްޖެ ގަޑިން ހަތަރުގަޑި ސާޅީސް ފަހެއްގައި ބައްދަލްކުރުމަށް
ހަމަޖެހިފައިވާއިރު މި މެޗް ދެ ޓީމަށްވެސް ވަރަށް މުހިންމެވެ. އެންމެ ފަހުގެ
ޗެމްޕިއަން ޗެލްސީ ލީގުގެ ފުލުގައި ތިބި ޓީމްތަކުގެ ތެރޭގައި ހިމެނޭއިރު
އާސެނަލްއަށް މި މެޗް މުހިންމުވާ އެއް ސަބަބަކީ އެންމެ ފަހުން ޗެމްޕިއަންސް
ލީގުގައި އެ ޓީމަށް ހީނުކުރާ ބައްޔަކާ ކުރިމަތިވެފައިވުމެވެ.



ޗެމްޕިއަންސް ލީގުގައި މި ދެ ޓީމްވެސް ކުޅުނީ މިދިޔަ
ބުދަދުވަހުގެ ރެއެވެ.



އާސެނަލްގެ ކޯޗް ވެންގަރ ބުނީ އެހާ ކައިރީގައި މެޗެއް
ކުޅެން ޖެހުމަކި ބަހަނާއެއްކަމަށް ނުދައްކާނެކަމަށާ އާސެނަލްއޮތީ ރަނގަޅު
ހާލަތެއްގައިކަމަށް ގަބޫލްކުރާކަމަށެވެ. ވެންގަރ ބުނީ ޕްރިމިއަރ ލީގުގައިވެސް މިހާރު
އާސެނަލް އޮތީ ރަނގަޅު ފޯމެއްގައިކަމަށާ އެކަން އެގޮތުގައި ދެމެހެއްޓުން ވަރަށް
މުހިންމުކަމަށެވެ.



ވެންގަރ ބުނީ ޗެލްސީ ލީގުގައި އޮތް ހިސާބާމެދު
ނުވިސްނާކަމަށެވެ. އަދި ބޭނުންވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުންކަމަށް
ވެންގަރ ބުންޏެވެ.