ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަ މީހުންނަށް ޚާއްސަކޮށްގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިއަށް ގެންދިޔަ ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް ނިންމާލައިފިއެވެ.
އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި މިދާއިރާއަށް އަލަށް ނުކުންނަ މީހުންނާއި ނޫސްވެރިކަމުގެ ދާއިރާގައި ގިނަދުވަސްވެފައި ނަމަވެސް މާބޮޑު ތަމްރީނެއް ލިބިފައި ނުވާ މީހުންވެސް ހިމެނެއެވެ. މީޑިއާ ކައުންސިލުން ވިދާޅުވުވީ 120 މީހުން މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާކަމަށެވެ.
މި ޕްރޮގްރާމް ހިންގާފައިވަނީ 2 ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗްގައި 59 މީހުންވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. މި ބެޗްގެ ސެޝަންތައް ކުރިއަ ށްގެންގޮސްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން 21ވަނަ ދުވަހުގެ ނިޔަލަށެވެ.
ދެވަނަ ބެޗްގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 23ވަނަ ދުވަހުން ފެށިގެން 28ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބެޗްގައި ބައިވެރިވި 61 މީހުން ތަމްރީނު ފުރިހަމަކޮށްފައިވާކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.
މި ތަމްރީން ޕްރޮގްރާމްގެ ސެޝަންތަކުގައި ވަނީ ނޫސްވެރިކަމުގެ އަސާސީ ހުނަރުތަކާއި ނޫސްވެރިކަމުގެ އިމުގެ ތެރެއިން ނޫސްވެރިކަން ކުރާނެ ގޮތްތައް ކިޔައިދީފައެވެ. ސެޝަންތައް ނަގާދީފައި ވަނީ ނޫސްވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ޢިލްމީ ބޭފުޅުންނެވެ. މީގެ އިތުރުންވެސް ބައެއް ދާއިރާތަކުގެ ފުންނާބު އުސް ބޭބޭފުޅުން ސެޝަންތައް ނަންގަވައިދެއްވާފައިވެއެވެ.