212 ދުވަހަށްފަހު ރާއްޖޭގެ ގެސްޓުހައުސްތައް މިއަދު ފަތުރުވެރިންނަށް އަލުން ހުޅުވާލާފައެވެ.
ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސްފަހުން އަލުން ގެސްޓް ހައުސްތައް ހުޅުވާލަން ފަށާއިރު، 9 ރަށަކުން 16 ތަނެއް މިހާރުވެސް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގަމުން އައި ގެސްޓުހައުސްތަކަކީ ގިނަ ބަޔަކު އެމަސައްކަތަކުން އާމްދަނީ ހޯދަމުންދިޔަ މަސައްކަތެކެވެ. ކޯވިޑް-19 އާއި ގުޅިގެން ގެސްޓުހައުސް ވިޔަފާރި ހުއްޓުމަކަށް އައުމުން ގިނަ ބަޔަކަށް އޭގެ އަސަރުކުރިއެވެ.
ސަރުކާރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިތާ 3 މަސް ދުވަހަށްފަހު މިހާރު މިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ފަށާފައެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ގެސްޓް ހައުސް ވިޔަފާރިތައް އަލުން ހުޅުވާލުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، 22 ގެސްޓް ހައުސްއަކުން ސްޓޭޑަޑް އޮޕަރޭޓިންގް ޕްރޮސިޖަރ، އެސް.އޯ.ޕީތައް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 16 ތަނެއް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އަލުން ހުޅުވާލުމުގެ ހުއްދަ މިނިސްޓްރީން ވަނީ ދީފައެވެ.
ރަށު ފެންވަރުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއް ނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެ 9 ރަށަކީ ހދ. ހަނިމާދޫ، ށ. ނަރުދޫ، ނ. ފޮއްދޫ، ކ. ހުރާ، ކ. މާފުށި، އއ. މަތިވެރި، ވ. ތިނަދޫ، އަދި ވ. ފުލިދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.
ގެސްޓްހައުސްތަށް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދެއްވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނަށެވެ. މިއީވެސް އެރަށެއްގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައެވެ. އެގޮތުން ގެސްޓްހައުސްތަށް ހުޅުވުމުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ޢުސޫލުގައިވާ ގޮތުން ގެސްޓްހައުސްގެ ޚިދުމަތްފެށުމުގެ ހުއްދަ ދެނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ. އަދި މި ޚިދުމަތް ފެށުމަށް ހުއްދަ ދޭނީ، ރަށުގައި ފްލޫ ކުލިނިކާއި، ކަރަންޓީން ފެސިލިޓީ އާއި، އަދި ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީތައް ޤާއިމުވެފައި ހުންނަ ރަށްތަކަށެވެ. އަދި ގެސްޓްހައުސްތައް ހިންގަން ފަށާ ރަށްތަކުގައި މާސްއެޅުން މަޖުބޫރެވެ. އަދި ރަށުގައި ޚިދުމަތްދިންނަމަވެސް ގެސްޓްހައުސްތަކަށްދާ މީހުން އާއްމުން ދިރިއުޅޭ ގެތަކަށް ވަދެއުޅުން މަނާވާނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ އެއް ވިޔަފާރިއަކީ ގެސްޓުހައުސް ވިޔަފާރިއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މިވިޔަފާރި މިހާރު ދަނީ ފުޅާވަމުންނެވެ. މިކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންވެސް ފާހަގަވެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ގެސްޓުހައުސްތަކުގެ އަދަދު 600 އަށްވުރެ މައްޗަށްވަނީ އަރާފައެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ ނިސްބަތައް ބަލާނަމަ 20 އިންސައްތައެވެ. މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ 10 އިންސައްތަ އައީ ގެސްޓްހައުސްތަކަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގެ 6000 އަށްވުރެ ގިނަ ވަޒީފާ ސީދާގޮތުން ގުޅިފައިވަނީ ގެސްޓްހައުސް ސިނާއަތަށްށެވެ. އެހެންކަމުން ގެސްޓުހައުސް ވިޔަފާރިއަކީ ދިވެހިންގެ އާއްމު ދިރިއުޅުމާވެސް ގުޅިފައިވާ މުޙިއްމު އިޤްތިސާދީ މަސައްކަތެކެވެ.