ތިލަފުއްޓާއި ގުޅިފަޅުން ސިނާޢީ ބިންތަކާއި ކޮމަރޝަލް ޔުނިޓްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން، އެތަންތަނަށް ދައްކަންޖެހޭ ކުއްޔާއި، އެހެނިހެން ފީތައް މާދަމާއިން ފެށިގެން އެޗް.ޑީ.ސީއަށް ދައްކަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.
އެޗް.ޑީ.ސީން ވިދާޅުވީ، އެ ކޯޕަރޭޝަނާއި ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އެއްކޮށްލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، ތިލަފުއްޓާއި، ގުޅިފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށްދިނުމާބެހޭ ގޮތުން އެކި ފަރާތްތަކާއެކުވެފައިވާ އެއްބަސްވުންތައް އެޗް.ޑީ.ސީއަށް ނަޤުލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މި މަސައްކަތުގައި ޖީ.އެމް.އައި.ޒެޑް.އެލް އާއެކު އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވާ ފަރާތްތަކުން އެޗް.ޑީ.ސީއަށް ދެމުންގެންދާ އެއްބާރުލުން ވަނީ ފާހަގަކުރައްވާފައެވެ.
ތިލަފުއްޓާއި ގުޅިފަޅުން ޞިނާޢީ ބިންތަކާއި ކޮމަރޝަލް ޔުނިޓުތައް ކުއްޔަށް ނަންގާފައިވާ ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި، އެހެނިހެން ފީ މާދަމާއިން ފެށިގެން އެޗް.ޑީ.ސީއަށް ދައްކަންޖެހޭގޮތަށް ހަމަޖައްސާފައިވާއިރު، ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ޗެކު ތައްޔާރު ކުރަންވާނީ "ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައިކަމަށް އެޗް.ޑީ.ސީން ވިދާޅުވެފައިވެއެވެ. އަދި ނަގުދު ފައިސާއިން ކުއްޔާއި އެހެނިހެން ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް އެޗް.ޑީ.ސީގެ މައި އޮފީހުގައި ޤާއިމުކޮށްފައިވާ ކޭޝް ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށް އެކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.
އެޗް.ޑީ.ސީން ޤާއިމުކޮށްފައިވާ "މައި ހުޅުމާލެ" ވެބް ޕޯޓަލް މެދުވެރިކޮށް ހުރިހާ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މި ވެބް ޕޯޓަލްގައިވާ "ކުއިކް ޕޭ" މެދުވެރިކޮށް، ތިލަފުއްޓާއި ގުޅިފަޅުން ސިނާޢީ ބިންތަކާއި، ކޮމަރޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސަމުންދާކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެފައިވެއެވެ.