ވިޔަފާރި

އޮސްޓްރިއަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް


އޮސްޓްރިއަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް އެއަރލައިނުން ނިންމައިފިއެވެ.

ފިނި މޫސުމަށް ޙާއްސަކޮށް ފަށާ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރިއާގެ ވިއެނާއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދުއެވެ. އޮސްޓްރިއަން އެއަރލައިންގެ ދަތުރުތައް މާދަމާ ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުންދާއިރު، ހަފްތާއަކު ދެ ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ކުރާނެއެވެ.

އަހަރުގެ ފަހުކޮޅު ނުވަތަ ފިނި މޫސުމާއި ދިމާކޮށް 60 މަންޒިލަކަށް އޮސްޓްރިއަން އެއަރލައިނުންދަނީ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މި މަންޒިލްތަކަށް އަންނަ އަންނަ އަހަރުގެ މާރޗުމަހުގެ ނިޔަލަށް ދަތުރުތައް ބާއްވާނެކަމަށް އޮސްޓްރިއަން އެއަރލައިނުން މައުލޫމާތުދެއެވެ.

އޮސްޓްރީއަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައި ޤައުމެކެވެ. އެގޮތުން މިދިޔަ އަހަރުތެރޭ އެޤައުމުން ރާއްޖެއަށް 21،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2018ވަނަ އަހަރާއި އަޅާ ބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރުގެ ފަހުކޮޅަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްކޮޅެވެ. ކޯވިޑް-19 އާއި ގުޅިގެން ދަތުުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވީނަަމަވެސް މިހާރު އަނެއްކާވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

އެގޮތުން އަންނަމަސް ނިމޭއިރު ރާއްޖެއަށް މަދުވެގެން 18 އެއަރލައިނަކުން ދަތުރުތައް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރވަނީ ދާދި ފަހުން ވިދާޅުވެފައެވެ.