އަތޮޅުތައް

ބަނދަރު ހަލާކުވެފައި ވުމުން ކެޔޮދޫ ރައްޔިތުންނަށް ގިނަ ދަތިތަކެއް


ވ. ކެޔޮދޫ ބަނދަރު ހަލާކުވެފައި ވުމާއި ގުޅިގެން އެރަށަށް އަރާ ފަތުރުވެރިންނާއި ބަނދަރު ބޭނުންކުރާ މަސްވެރިންނަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުން ދާކަމަށް ކެޔޮދޫކައުންސިލްގެ ރައީސް އަހުމަދު ޔޫސުފް ވިދާޅުވެއްޖެއެވެ.2000 ވަނަ އަހަރު ސަރުކާރުން ހަދައިދެއްވި ކެޔޮދޫބަނދަރުގެ ބޮޑުބައެއް ސުނާމީ ކާރިސާގައި ވަނީ ހަލާކުވެފައެވެ.ވ. އަތޮޅަކީ ރާއްޖޭގެ އެންމެ ކުޑަ އާބާދީއެއް އޮތް އަތޮޅަށް ވީނަމަވެސް މިއީ ޤުދުރަތީ ވަސީލަތްތަށް މުއްސަނދި އަތޮޅެކެވެ. އާންމު ގޮތެއްގައި ކޮންމެ މޫސުމެއްގައިވެސް މަސްވެރިކަން އޮންނަ އަތޮޅެކެވެ. އެންދަމާނެ ފަޅުފަޅާއި ގިރިތަށް ރަށްތައް ކައިރީގައި ހުރިއިރު، ރީތި ފަޅު ރަށްތަކެއްވެސް ހުރި އަތޮޅެކެވެ. މި ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފަމުންއަންނަ އެއް ބަޔަކީ އަތޮޅުގެ އެންމެ އާބާދީ ބޮޑުރަށް، ކެޔޮދޫގެ ރައްޔިތުންނެވެ. އާބާދީގައި ގާތްގަނަޑަކަށް އަށްސަތޭކައެއްހާ މީހުން އުޅުނު ނަމަވެސް ކެޔޮދޫއަކި މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އެގޮތުން ޤައުމުގެ އިޤްތިސާދު އެކަމަކަށް ބިނާވެފައިވާ ފަތުރުވެރިކަމުގެ ވިޔަފާރީގައިވެސް މިރަށުގެ ރައްޔިތުންދަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ރަށުގެ މަސްވެރިންނާއި ގެސްޓުހައުސްތަށް ހިންގާ ވިޔަފާރިވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރަށުގެ ބަނދަރުގެ ހާލަތެވެ."މިރަށުގައި ބަނދަރު ހެދިއިރު އެހާގިނަ ދޯނިފަހަރެއްވެސް ރަށުގައި ނުހުރޭ. އެކަމަކު މިހާރު ކޮންމެ ހަފްތާއަކުވެސް ސާޅީހަކަށް ދޯނި ބަނދަރަށް ވަދޭ. އަދި ހުކުރު ދުވަހު ބައެއް ދޯނިފަހަރު ނުވެއްދިގެންވެސް އުޅެންޖެހޭ. ބަނދަރުން މިހާރު ބޭނުން މި ކުރެވެނީ ހުޅަނގު ކޮޅު ގައި އޮތް ތަނކޮޅެއް. ދެން މުޅި ބަނދަރު ކަހަލަ ގޮތަކަށް މިއޮތީ ހަލާކުވެފަ" ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފް ވިދާޅުވިއެވެ.ކެޔޮދުއަށް ޒިޔާރަތްކުރާ ފަތުރުވެރިން މައިގަނޑު ގޮތެއްގައި އަންނަނީ ޑައިވް ކުރުމަށް ނުވަތަ މަސްދަތުރެއް ކޮށްލުމަށެވެ. އެހެން ކަމަށް ވާއިރު ބަނދަރަކީ އެމީހުން އަބަދުވެސް ބޭނުން ކުރާ ތަނެކެވެ. ނަމަވެސް ބަނދަރުގެ މިހާރުގެ ހާލަތަށް ބަލާއިރު އެއްގަމު ތޮށި އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ވެއްޓިފައެވެ. އަދި ކަނޑުތޮށީގެ ބައެއް ވެސް ވެއްޓިފައި ވާއިރު، އެބަނދަރަކީ ނެރު ފައިކަށި ނުލާ ހަދާފައިވާ ބަނދަރަކަށް ވުމުން ބަނދަރަށް ވަނުމުގައިވެސް ދަތި އުނދަގޫތަކެއް އެބަހުއްޓެވެ. ކެޔޮދޫ އޮޑިވެރިންނާއި ޓުއަރިޒަމްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާގޮތުގައި، އެމީހުންގެ އުޅަނދުފަހަރު ބަނދަރަށް ވައްދަން މިހާރު ޖެހިލުންވެއެވެ. ނަމަވެސް އެހެންގޮތެއް ނެތުމުން އުޅަނދު ފަހަރު ބަނދަރަށް ވެއްދުމަށް އޮޑިވެރިންނަށްވަނީ މަޖުބޫރު ވެފައެވެ." ބަނދަރަށް ފަތުރުވެރިން ނުބޭލި ގިނައިރު ތިބެންޖެހިފައި ވެސް އެބަހުރި. އެކަމުގެ ޝަކުވާތަށް ފަތުރުވެރިން ވެސް ކުރޭ. ޢިޤްތިސާދީ ގޮތުން ބަލާއިރު އަޅުގަނޑުމެންގެ މި މަސައްކަތުންވެސް ދައުލަތަށް ޖީއެސްޓީއާއި ރަށުގެ ކުރިއެރުމަށް ރަށުކައުންސިލުން ނަގާ ފީވެސް ދައްކައިގެން މިއުޅެނީ ނަމަވެސް ބަދަރުގެ މައްސަލަ މިއީ މި ވިޔަފާރިއަށްވެސް ބޮޑު ގޮންޖެހުމެއް" ގެސްޓްހައުސް ވިޔަފާރި ކުރާ ވިޔަފާރިވެރިއެއް ވިދާޅުވިއެވެ.ކެޔޮދޫ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ބަނދަރުގެ ސަބަބުން، ރަށުގެ ޢިޤްތިސާދަށާއި ޤައުމުގެ އިޤްތިސާދަށް އެރަށުން ވައްދާ ފައިސާގެ އަދަދު އެތައް ގުނައެއް ވަނީ ދައްވެފައެވެ.  ބަނދަރުގެ މައްސަލައާއި ގުޅޭގޮތުން އެދާއިރާގެ މަޖިލީސް މެމްބަރު މޫސާ ނިޒާރު ވިދާޅުވީ ވަކި ތާރީހެއް ކަނޑައަޅިފައި ނެތް ނަމަވެސް ސަރުކާރުން އެރަށުގެ ބަނދަރަ ހަދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައި ވާކަމަށެވެ. ރަށުގެ ހުރިހާ ރައްޔިތުންވެސް އިންތިޒާރު ކޮށްގެންތިބީ ރަށުގެ ބަނދަރު، ބޭނުން ކުރުމަށް ރައްކާތެރި ތަނެއްގެ ގޮތުގައި ސަރުކާރުން އަނެއްކާވެސް ހައްދަވައިދެއްވާނެ ދުވަހަކަށެވެ.