ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ހުޅުވުމަށް ނިންމާފައިވާކަމަށް އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އިޢުލާންކުރައްވައިފިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިކަން އިޢުލާންކުރައްވާފައި ވަނީ ރާއްޖެއާއި އެމެރިކާއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު، ދެ ޤައުމުން ގުޅިގެން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައެވެ.
ޝެރެޓަން ފުލްމޫން ރިޒޯޓުގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއެކު ކުރިއަށްގެންދެވި މަޝްވަަރާތަކަކީ ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއްކަމަށެވެ. އަދި މި މަޝްވަރާތަކުގައި އިޤްތިޞާދީ ކުރިއެރުމާއި، ކައުންޓަރ ޓެރަރިޒަމް ފަދަ ދާއިރާތަކުން ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނުކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ. ރާއްޖެއަކީ އިންޑޯ ޕެސިފިކް އޭޝިއާ ސަރަޙައްދުގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވާ މައިކް ޕޮމްޕެއޯ ވިދާޅުވީ، ރާއްޖޭން ބައިނަލްއަޤްވާމީ މަައިދާނުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންދާކަމަށެވެ. އަދި އެމެރިކާއިން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ކުރިއެރުމަށް އަބަދުވެސް އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ.
އެމެރިކާއިން ރާއްޖެއަށް އެކި ގޮތްގޮތުން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ، ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް މައިކް ޕޮމްޕެއޯ ވިދާޅުވިއެވެ.
"ރާއްޖެއާއި އެމެރިކާއާދެމެދު އޮތް އެކުވެރިކަމާއި ގުޅުމުގެ އަގު އަބަދުވެސް ވަޒަން ކުރާނަން. މީގެކުރިން މަސައްކަތް ނުކުރާހާ ގާތްކޮށް މިހާރު މަސައްކަތް ކުރަން ބޭނުންވޭ. އެކަމުގެ ހެއްކެއްގެގޮތުން މި އިޢުލާންކުރަނީ ދެޤައުމުގެ ޒަމާންވީ މި ގުޅުން އިތުރަށް ކުރިއެރުވުމަށް އެމެރިކާގެ ދާއިމީ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް ނިންމާފައިވާކަން. މިއީ ވަރަށް މުހިއްމުކަމަކަށްވެގެންދާނެ" މައިކް ޕޮމްޕެއޯ ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ކޯވިޑް-19ގެ މި އުނދަގޫ ޙާލަތުގައިވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ ދެ ޤައުމުގެ ގުޅުމަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެއްކަމަށާއި، މިއީ ތާރީޚީ ދުވަހެއްކަމަށެވެ. އަދި ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް މާލީގޮތުންނާއި ފަންނީގޮތުން އެމެރިކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.
ފޮރިން މިނިސްޓަރ ވިދާޅުވީ، ދަތުރުފަތުރާއި، ކައުންޓަރ ޓެރަރިޒަމާއި، ޑިފެންސް ފަދަ ދާއިރާތައް ކުރިއެރުވުމަށް ރާއްޖެއިން އެމެރިކާއާކު މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ޤާއިމުވެގެންދިއުމަކީ، ވިޔަފާރިއާއި އިޤްތިޞާދީގޮތުން ދެ ޤައުމުގެ ދެމެދު ހިންގޭ މުޢާމަލާތްތައް މިހާރަށްވުރެ އިތުރުކުރުމަށް ހުޅުވިގެންދާ ދޮރެއްކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
"އެމެރިކާގެ ދާއިމީ އެމްބަސީއެއް ހުޅުވުމަށް ނިންމުމަކީ ދެ ޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ބަދަހިކަމެއް އަންނާނެކަމެއް. އަދި އެއީ އެމެރިކާގެ މިއަދުގެ ސަރުކާރުން ދިވެހިރާއްޖެއާއި ދޭތެރޭ ދެކެވަޑައިގަންނަވާގޮތް ވަރަށް ފުރިހަމައަށް އެނގިގެންދިޔަކަމެއް. މިއަދު ދިވެހިރާއްޖޭގައި އޮތް ސަރުކާރުން އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، އަދި ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތަށް މުޅި ދުނިޔޭގެ ނިސްބަތުންވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް"
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ޒިޔާރާތަށް ފަހު، އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވި ފުރަތަމަ ފަހަރެވެ.