ވިޔަފާރި

ރީނދޫ އުރަހަ ކަންނެލި ބޯއިކަޓްކުރުމަށް ޔޫރަޕުން ގޮވާލަމުންދާތީ ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި


ވަކި ވަކި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ބެލުމެއް ނެތި އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ބޯއިކޮޓު ކުރުމަށް ޔޫރަޕްގެ ވިޔަފާރިތަކުން ގޮވާލަމުންދާތީ، ރާއްޖެއިން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑު އެގްރިކަލްޗަރއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިޤްތިސާދުގައި މަސްވެރިކަމުގެ ސިނާއަތަކީ މުޙިއްމު ސިނާއަތަކަށްވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ އާމްދަނީ މި ސިނާއަތާއި ގުޅިފައިވާ ކަމަށެވެ.

ރާއްޖެއިން ބާނާ ރީނދޫ އުރަހަ ކަންނެލީގެ ބޮޑު ބައެއް އެކްސްޕޯޓުކުރަމުންދަނީ ޔޫރަޕްގެ މާރކެޓަށެވެ. އެހެން ނަމަވެސް މިހާރު އެޤައުމުގެ ވިޔަފާރިވެރިންދަނީ އިންޑިއާ ކަނޑުން ބާނާ މަސް ގަތުމާއި ދެކޮޅު ހަދަމުންނެވެ. ސަބަބަކީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް މަދުވަމުން ދިޔުމެވެ. އަދި މިކަމާއި އެދެވޭ ފިޔަވަޅުތަކެއް އަޅާފައި ނެތުމެވެ. އެހެން ނަމަވެސް ރާއްޖެއިން ދަނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކުން ބާނާ ރީނދޫ އުރަހަ ކަންނެލީގެ ނިސްބަތް ވަނީ މަދުކޮށްފައެވެ. އެގޮތުން އައިއޯޓީސީއާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދޯށީގައި ނުވަތަ އަތުނަނުގައި ރީނދޫ އުރަހަ ކަންނެލި ބާނާ މިންވަރު 5 އިންސައްތަ މަދުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ރީނދޫ އުރަހަ ކަންނެލި އިންޑިއާ ކަނޑުން ހުސްވުމުގެ ބިރާއި އެކު އައިއޯޓީސީއިންވަނީ އެކި ޤައުމުތަކުން އެބާވަތުގެ މަސް ބާނާ މިންވަރު މަދުކުރުމަށް މިންވަރުތަކެއް ކަނޑައަޅާފައެވެ. އެހެންނަމަވެސް ގިނަ ޤައުމުތަކަކުން މިގޮތަކަށް އަމަލުކޮށްފައެއް ނުވެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޒިޔާދު ވިދާޅުވީ، ޔޫރަޕްގެ ދެ ކުންފުންޏަކުން މިހާރު ރާއްޖެއަށް މިކަމާއި ގުޅޭގޮތުން ލިޔުން ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން މިކަމާއި މެދު 'ސީރިއަސް' މަސައްކަތްތަކެއްނުކޮށްފި ނަމަ އަންނަ އަހަރުން ފެށިގެން ރާއްޖެއިން އެކްސްޕޯޓުކުރާ ރީނދޫ އުރަހަ ކަންނެލި ނުގަންނާނެ ކަމަށް އެކުންފުނިތަކުން ބުނެފައިވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ފިޝަރީޒް އިމްޕްރޫވްމަންޓު ޕްރޮގްރާމް (ފިޕް) އަކަށް ވަނުމަށް ރާއްޖެއިންވަނީ ނިންމާފައެވެ. އަދި އެހެން ޤައުމުތަކާއި ގުޅިގެން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އާލާ ކުރުމަށް މަސައްކަތްތަކެއް ކުރުމަށްވެސް ރާއްޖެެއިން މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެެވެ. އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ބޯއިކޮޓު ކުރުމަށް ޔޫރަޕްގެ ވިޔަފާރިތަކުން ގޮވާލަމުންދާއިރު، މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ އަދި ސީޝެލްސް ކަހަލަ ޤައުމުތަކަށެވެ. އެގޮތުން އެހެން ބޮޑެތި ޤައުމުތަކަކީ އެޤައުމުގައި ބާނާ މަސް އެޤައުމުގެ އެތެރޭގައި ބޭނުންކުރާ ޤައުމުތަކަށްވުމާއެކު ޔޫރަޕަށް އެކްސްޕޯޓުކުރަނީ މަދު ޤައުމަކުންނެވެ. ރީނދޫ އުރަހަ ކަންނެއްޔާއި އެ މަހުގެ ބާވަތްތަކަކީ ރާއްޖެ އިން ބޭރުގެ ގައުމުތަކަށް އެންމެ ގިނައިން އެކްސްޕޯޓު ކުރާ ބާވަތެވެ. އަދި އޭގެތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ރާއްޖެއިން ރީނދޫ އިރަހަ ކަންނެލި އެކްސްޕޯޓުކުރަނީ ޔޫރަޕްގެ ޤައުމުތަކަށެވެ.