ވިޔަފާރި

38 ގެސްޓުހައުސެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފި


38 ގެސްޓުހައުސެއް އަލުން ހުޅުވުމުގެ ހުއްދަ މިހާތަނަށް ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސްފަހުން މިމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވާލުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 26ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ހަތަރު އަތޮޅަކުން 10 ރަށެއްގައި ހިންގާ 38 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

އެގޮތުން އެ ރަށްތަކަކީ، -ނ. ފޮއްދޫ -ކ. ހުރާ -ކ. މާފުށި -ކ. ގުރައިދޫ -އއ. މަތިވެރި -އއ. އުކުޅަސް -އއ. ތޮއްޑޫ -އއ.ރަސްދޫ -ވ.ތިނަދޫ -ވ. ފުލިދޫ

ގެސްޓް ހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެމުންދަނީ ރަށު ފެންވަރުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް ހުޅުވާފައިވަނީ ހުރާ، މާފުށި އަދި ތޮއްޑޫގައެވެ. މި ތިން ރަށުގަވެސް 8 ގެސްޓުހައުސެއް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީންވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.