ޚަބަރު

އިމަރޖެންސީ ޑިޕަރޗަރ ފޯމު ހުށަހަޅައިގެން ފުރޭނެ އެންމެފަހު ތާރީޚަކީ 31 ޑިސެންބަރ: އިމިގްރޭޝަން


ވީޒާ ދޫކުރެވެން ނެތް ހާލަތްތަކުގައި އިމަރޖެންސީ ޑިޕާޗަރ ފޯމު ހުށަހަޅައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީޚަކީ 31 ޑިސެންބަރ 2020 ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން، ވީޒާ އައުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މިދިޔަ މާރޗް މަހުން ފެށިގެން އިތުރު ލުއި ފަސޭހަ ގޮތްތަކެއް ތަޢާރަފުކޮށްފައެވެ. ވީޒާ ދޫކުރެވެން ނެތް ހާލަތްތަކުގައި "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" IM34 ފޯމު މެދުވެރިކޮށް، 31 އޮކްޓޯބަރ 2020 ގެ ކުރިން ރާއްޖެއިން ފުރައިގެން ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާދީފައެވެ.

އެހެންނަމަވެސް ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ވީޒާ އައުކުރުމާއި، "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" IM34 ފޯމުގެ ދަށުން ފުރުވާލެވޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތަކަށް 01 ނޮވެމްބަރު 2020 އިން ފެށިގެން ބަދަލުތަކެއް އިމިގްރޭޝަނުން ވަނީ ގެނެސްފައެވެ.

އެގޮތުން ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖެ އެތެރެވެފައިވާ، ފަރާތެއް ނުވަތަ ފަރާތްތަކެއް ނިސްބަތްވާ ޤައުމެއްގެ ބޯޑަރު ބައިނަލް އަޤްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތައް ރާއްޖޭގައި ތިބޭ މުއްދަތުގެ ތެރޭގައި އެ ފަރާތްތަކުގެ ވީޒާ އައުކުރުމަށް އެދި ހުށަހަޅާ ފޯމާއި، ލިޔެކިއުންތައް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރުމުން، އެފަރާތްތަކުގެ ހާލަތަށް ރިޢާއަތްކޮށް، ވީޒާ އައުކޮށްދެވޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު 19 މާރޗް 2020ގެ ކުރީގެ ތާރީޚަކަށް ހަމަވެފައިވާ ފަރާތްތަކުން ވީޒާގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް އީމެއިލް ކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ. އަދި އެއަށްފަހު، އަމަލު ކުރަންވީގޮތް، އީމެއިލްގެ ޒަރީއާއިން ޙިއްޞާކުރެވޭނެކަމަށާއި، އެ ފަރާތްތަކަށް ވީޒާ ދޫކުރެވޭނީ ނުވަތަ ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސާ ދެވޭނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްފަހުކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ވީޒާ އައުކުރުމަށްއެދި، 31 ޑިސެންބަރު 2020 ގެ ކުރިން ބޭނުންވާ ލިޔެކިއުންތަކާއެކު އީމެއިލް ކުރައްވާ ފަރާތްތަކުގެ، ވީޒާގެ މުއްދަތު ޖޫރިމަނާއަކާއި ނުލައި އައުކޮށްދެވޭނެއެވެ. އަދި އެ ތާރީޚުގެ ފަހުން މެއިލް ކުރައްވާ ފަރާތްތަކަށް ވީޒާގެ މުއްދަތު އައުކޮށްދޭނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްފަހު ކަމުގައި އިމިގްރޭޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން ވާރކް ވީޒާގެ މުއްދަތު ހަމަވެ އައުކުރެވެން ނެތް ފަރާތްތަކާއި، އެހެނިހެން ބާވަތްތަކުގެ ވީޒާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ ފަރާތްތަކުގެ ތެރެއިން، އެފަރާތަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު އައުކުރެވެން ނެތް ހާލަތްތަކުގައި، ރާއްޖެއިން ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމް އިމިގްރޭޝަނުން ވާނީ ހަމަޖައްސާފައެވެ. ނަމަވެސް މި އިންތިޒާމުގެ ދަށުން ފުރުވާލެވޭނީ، ފުރިހަމަކޮށްފައިވާ "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" IM34 ފޯމު އިމިގްރޭޝަންގެ ޑިޕަރޗަރ ކައުންޓަރަށް ހުށަހެޅުމުންކަމަށާއި، ބިދޭސީފަރާތް ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލަރސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރަންޖެހޭނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.