ކޯވިޑް-19

ގްރޫޕްތައް އެކުގައި ފުރަބަންދު ކަރަންޓީންވުމުގެ އުސޫލެއް އެކުލަވާލަައިފި


10 މީހުންނަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތައް އެއްތަނެއްގައި ފުރަބަންދު ކަރަންޓީން ވުމުގައި ޢަމަލު ކުރަންވީގޮތުގެ އުސޫލެއް އެކުލަވާލައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އާއްމުކޮށްފިއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މިފަދަ އުޞޫލެއް އެކުލަވާލުމުގެ ބޭނުމަކީ ގިނަ މީހުން އެކުގައި ފުރަބަންދު ކަރަންޓީނަށް ދާ މީހުންގެ މެދުގައި ކޯވިޑް-19 ފެތުރިގެން ދިއުމުގެ ފުރުޞަތު ކުޑަކުރުންކަމަށެވެ. އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރާއްޖޭގެ ރަށަކުން، ކޮމިއުނިޓީ ސްޕްރެޑެއް ނެތް ރަށަކަށް 10 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުގައި ކަރަންޓީނުވާން ދާނަމަ އެއްކޮށް ތިބުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއްކަމަށް އެ އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އެޗް.ޕީ.އޭއިން އެކުލަވާލި އުޞޫލުގައި ކުންފުންޏަކުން ނުވަތަ މުއައްސަސާއަކުން ސްޕޮންސަރ ކޮށްގެން، ވަކި މަސައްކަތަކަށް ނުވަތަ ޓްރެއިނިންގްއަކަށް ނުވަތަ އެފަދަ އެހެން ކަމަކަށްޓަކައި، ރާއްޖެއިން ބޭރުން އަންނަ މީހުން ނުވަތަ މާލޭގައި ދިރިއުޅޭ މީހުން ނުވަތަ ކޮވިޑް-19 ފެތުރިފައިވާ ރަށަކުން، ބަލި ފެތުރިފައިނުވާ އެހެން ރަށަކަށް، 10 މީހުންނަށް ވުރެ ގިނަ މީހުން އެކުގައި ކަރަންޓީނުވެ ތިބުމަށް ހަމަޖައްސައިގެން ފުރަބަންދު ކަރަންޓީނަށް ދާނަމަ، އަދި ކަރަންޓީނު ވެގެން ތިބޭނީ ގިނަ މީހުން އެއްކޮށް އެއް ކޮޓަރިއެއް ނުވަތަ ޑޯރމިޓަރީ ނުވަތަ ބެރެކްސްއެއްގައި ނަމަ، އަމަލުކުރަންވީގޮތް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ރާއްޖޭގައި އުޅޭ ދިވެހިންނާއި، ބިދޭސީން ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ދާނަމަ، ފުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ޕީ.ސީ.އާރް ޓެސްޓު ހަދަން ޖެހޭނެއެވެ. އަދި މިގޮތަށް ދާނަމަ ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއެއް އޮންނަން ޖެހޭނެއެވެ. މި އުޞޫލުގައިވާގޮތުން ހުން އައުން، ކެއްސުން ފަދަ ކޯވިޑް-19ގެ އަލާމާމްތައް ހުރި ފަރާތެއް ނަމަ، ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމުގައިވިޔަސް، ދަތުރުނުކޮށް މަޑުކުރަންވާނެއެވެ. އަދި ދަތުރުކުރަންވާނީ އަލާމާތްތައް އެއްކޮށް ރަނގަޅުވުމަށްފަހު މަދުވެގެން 48 ގަޑިއިރު ވުމަށްފަހުގައެވެ.

ދަތުރުކުރާ ފަރާތްތަކުން ހުއްދަ ހޯދުމުގައި ކަރަންޓީނުވާންދާ ފަރާތްތަކުގެ ބެލެނިވެރި ކުންފުނި ނުވަތަ މުއައްސަސާއިން، [email protected] އަށް ދަތުރުކުރަން ބޭނުންވާ މީހުންގެ ތަފްސީލާއި، ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ފޮނުވަން ޖެހޭނެއެވެ. އަދި ދަތުރު ކުރުމުގެ ކުރިން ފުރަބަންދު ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވެ، ފުރަބަންދު ކަރަންޓީނަށް ދިއުމަށް ހޯދަން ޖެހޭ ހުއްދަތައް އޮންނަ އުސޫލުން ހޯދަން ޖެހޭނެކަމަށްވެސް އެޗް.ޕީ.އޭގެ އުޞޫލުގައިވެއެވެ.

މި އުޞޫލުގައިވާގޮތުން ކަރަންޓީނުވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ނެގެޓިވްވިކަމުގައިވިޔަސް ރަށަށް ދިއުމަށްފަހު ކަރަންޓީނުވުމުގެ އާއްމު އުޞޫލާއި އެއްގޮތަށް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެއެވެ. އަދި 14 ދުވަސް ފުރިހަމަވުމުން ޕީ.ސީ.އާރް ޓެސްޓް ހަދާ ނަތީޖާ ނެގެޓިވްވުމުން ކަރަންޓީނުން ދޫކޮށްލެވޭނެއެވެ. ކަރަންޓީނުވާން ކަނޑައަޅާފައިވާ ތަނަކީ އެޗް.ޕީ.އޭގެ މިންގަނޑުތަކާ އެއްގޮތަށް ހުރިތަނަކަށްވާންޖެހޭނެއެވެ.

ކަރަންޓީނުގެ މުއްދަތުގައި ހުންއައުން، ކަރުގައި ރިއްސުން، ކެއްސުން، ރޯގާ ޖެހުން ނުވަތަ މިނޫންވެސް ކޯވިޑް-19ގެ އަލާމާތްތައް ފެންނަ މީހުން ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭނެއެވެ. އަދި ބަލީގެ އަލާމާތްތައް ހުންނަ މީހުން ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ ވަކިން ބޭތިއްބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެކަމަށް މި އުޞޫލުގައި ބުނެފައިވެއެވެ. އަދި އެ އިންތިޒާމް ހަމަޖެއްސެންނެތްނަމަ އެމީހަކު ސަރޖިކަލް މާސްކް އަޅުވައި، އެހެން މީހުންނާއެކު އުޅުމުގައި މަދުވެގެން 6 ފޫޓުގެ ދުރުމިން ބަހައްޓަންޖެހޭނެކަމަށާއި، އެތަނުގައި އުޅޭ އެހެން މީހުންވެސް މާސްކް އަޅަންވާނެކަމަށް ބުނެފައިވެއެވެ.

އެޗް.ޕީ.އޭގެ އުޞޫލުގައި މިގޮތަށް އަލާމާތްތައް ފެންނަ މީހުންގެ ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ނެގެޓިވްވެއްޖެނަމަ ފުރަބަންދު ކަރަންޓީނުގެ 14 ދުވަހުގެ ބާކީ އޮތް މުއްދަތު ފުރިހަމަކުރަންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ހަދާ ޓެސްޓުން ގްރޫޕުގައި ހިމެނޭ އެއްވެސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެނަމަ، އޭނާއާއެކުގައި އުޅުނު އެންމެންގެ ކަރަންޓީނުގެ މުއްދަތު އިތުރުވާނެކަމަށްވެސް މި އުޞޫލުގައި ބުނެފައިވެއެވެ.