ޚަބަރު

ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަންނަ ރަމަޟާން މަހަށް ނިމޭނެ - އެޗްޑީސީ


ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް އަންނަ ރަމަޟާން މަހަށް ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާ ޚާއްސަކޮށް ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށަންވާއިރަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރުވެސް ދެވަނަ ފިޔަވަހީގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ ދެވަނަ ފިޔަވަހީގައި މިސްކިތްތައް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ޕާކްތައް ތަރައްޤީ ކުރާ ސަރަޙައްދުތަކުގައި ކަމަށެވެ. އެގޮތުން މިހާރު އިމާރާތްކުރަމުންދާ ވަގުތީ މިސްކިތާއެކު ދެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެޗްޑިސީން އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން އެއް މިސްކިތް އަންނަ ރަމަޟާން މަހަށް ނިންމުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ދެވަނަ ފިޔަވަހީގައި އިމާރާތްކުރަނީ ދެ ފަންގިފިލާއާއި 3 ފަންގިފިލައިގެ މިސްކިތްތަކެއްކަމަށާއި އެވްރެޖްކޮށް އެ މިސްކިތްތަކުގައި އެއްފަހަރާ 1500 އެއްހާ މީހުންނަށް ނަމާދުކުރެވޭނެކަމަށް ސުހައިލް ވިދާޅުވިއެވެ.

"މިސްކިތްތައް އިމާރާތް ކުރަމުން މިދަނީ އެތެރެ ފުރުނުނަމަވެސް ބޭރުގައި ނަމާދު ކުރެވޭނެގޮތަކަށް. އެހެންވެ ޕާރކްތައް ހުންނަ ސަރަޙައްދުތަކުގައ މިސްކިތްތައް އިމާރާތް ކުރުމަށް ނިންމާފައިވަނީ. އޭރުން މިސްކިތް ފުރުނަސް ބޭރުގައި ސަފުހަދައިގެން ނަމާދު ކުރެވޭނެ"އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ މި މިސްކިތްތަކުގެ އިތުރަށްވެސް އަމިއްލަ ބައެއް ފަރާތްތަކުން މިސްކިތް އެޅުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އަދި ބައެއް ފަރާތްތަކާއެކު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަކަމަށެވެ.

މިސްކިތްތައް އިމާރާތް ކުރުމުގެ އިތުރަށް އެޗްޑީސީން މިހާރު ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ގްރައުންޑް ފްލޯގައި ފިހާރަތަކާއި ފާމަސީތަކާއި، ރެސްޓޯރެންޓްތައް ހިންގުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.