ދިވެހި ކިޔަވާކުދިންނަށާއި ވިޔަފާރިވެރިންނަށް އިންޑިއާއަށް އެތެރެވުމަށް ލުއިތަކެއްދިނުމަށް އެ ޤައުމުން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް އެޤައުމަށް ދަތުރުކުރުމުގައި ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހު، ވިޔަފާރިވެރިންނާއި، ކިޔަވާ ކުދިންނަށް އިންޑިއާއަށް ދިޔުމަށް ހުއްދައެއް ދިނުމަށް ނިންމާފައިވާކަން އިންޑިއާ ސަރުކާރުން އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މިކަމާގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި، ދިވެހި ކިޔަވާކުދިންނާއި އެކުދިންގެ ޢާއިލާއަށާއި، ދިވެހި ވިޔަފާރިވެރިންނަށް ވިޒާ ދިނުމުގައި ލުއިތަކެއް ދިނުމަށް އިންޑިއާއިން ނިންމުމާގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އެ ޤައުމުގެ މިނިސްޓަރ އޮފް އެކްސްޓަަރނަލް އެފެއާޒް ސުބްރަމާނިޔަމް ޖެއިޝަންކަރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިންނަށް އިންޑިއާއިން މިހާރުވެސް މެޑިކަލް ވީޒާ ދޫކުރާކަން ފާހަގަކުރައްވާ، ނިއުނޯމަލްގެ މި ޙާލަތުގައި ދެ ޤައުމުގެ ދެމެދު ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ސަރުކާރުންވެސް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިހާރުވެސް ޚާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ވިޔަފާރި އާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ކޮންސިއުލަރ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޚާއްސަ ހުއްދަ ހޯދުމަށްފަހު، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ އެއަރ ބަބްލް ތެރެއިން ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އަވައްޓެރި އިންޑިއާއިން އަންނަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.