ވިޔަފާރި

ބީއެމްއެލުން ޕަރސަނަލް އަދި ހައުސިން ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްފި


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ދޫކުރާ ޕަރސަނަލް އަދި ހައުސިން ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް އަދި ޕްރޮފިޓް ރޭޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލުން ވިދާޅުވީ މިގެނެވުނު ބަދަލާއެކު އެބޭންކުން ދޫކުރާ ލުއި އެކްސްޕްރެސް ލޯން ގެ އިންޓެރެސްޓް ރޭޓް 15 އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި ތިންލައްކަ ރުފިޔާ އާއި ހަމަޔަށް ލޯނު ލިބޭނެ ކަމަށާއި ގަވާއިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓްވެސް މިހާރުވަނީ 12 އިންސައްތަ އަށް ކުޑަކޮށްފައި ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނުވެސް ރަހުނަކާ ނުލައި މިހާރު 15 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ލިބޭއިރު، މިގޮތުން ތިންލައްކަ ރުފިޔާ އަށް ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ތިންލައްކަ ރުފިޔާއިން ފެށިގެން 5.1 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު 12 އިންސައްތަ އިންޓްރެސްޓްގައި ލޯނު ދޫކުރަމުންދާނެ ކަމަށާއި ބީއެމްއެލްގެ ހައުސިންގ ލޯނު ޕޯރޓްފޯލިއޯ މިހާރު 10 އިންސައްތަ އާއި ހަމަޔަށް ދަށްކުރެވިފައިވާކަމަށްވެސް ބީއެމްއެލުން ހާމަކުރެއެވެ.

ބީއެމްއެލުން ވިދާޅުވީ މި ބަދަލާއެކު ރާއްޖޭގައި އެންމެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި މިފަދަ ލޯން ދޫކުރަނީ އެބޭންކުން ކަމަށެވެ. މި ރޭޓްގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕަރޗޭސް ލޯނު (ގެދޮރު ގަތުމަށް ދޫކުރާ ލޯނު) އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން 50 އިންސައްތަ އަމިއްލަ އަށް ހަރަދުކޮށްފައިވާ ޕްރޮޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށެވެ. ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ ރިއަލް އެސްޓޭޓް ލޯނުގެ ރޭޓްވެސް މިވަނީ 10.5 އިންސައްތަ އާ ހަމަޔަށް ކުޑަކޮށްފައެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މި ބަދަލުތަކަށް ބަލާއިރު އަގުތައް 15 އިންސައްތަ ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯރޓްފޯލިއޯ އަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ.

" ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ބީއެމްއެލްގެ ކަސްޓަމަރުން ކޯވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެ. އަދި ބީއެމްއެލް އިސްލާމިކްގެ ޕޯރޓްފޯލިއޯގެ ރޭޓްތައްވެސް މިވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައި" ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލުން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެބޭންކުން ދޫކުރާ ލޯނާއި ފައިނޭންސްތަކަށް އިތުރު ބަދަލުތަކެއްވެސް ގެނައުމަށް ނިންމާފައެވެ. އަދި ކުރިއަށް ހުރި ހަފްތާތަކުގައި އެކަމާއި ގުޅޭ ތަފްސީލްތައް ހާމަކުރާނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.