ބަހްރެއިންގެ ޤައުމީ އެއަރލައިން، ގަލްފް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް އެއަރލައިނުން ނިންމައިފިއެވެ.
ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް އަންނަމަހުގެ 12 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރުމަށް އެއަރލައިނުން ވަނީ ނިންމާފައެވެ. މި ދަތުރުތައް ކުރާނީ ބަހްރެއިން އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.
ގަލްފް އެއަރގެ ވެބްސައިޓުގައިވާގޮތުން ރާއްޖެއަކީ އެ އެއަރލައިނަށް މުޙިއްމު މަންޒިލެކެވެ. އަދި އެ އެއަރލައިނުން އުދުހުންތައް ބާއްވާ އިންޑިއާ ކަނޑުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަންޒިލަކީވެސް ރާއްޖެކަމަށް ގަލްފް އެއަރއިން ހާމަކުރެއެވެ.
ގަލްފް އެއަރއިން މިހާރުވެސް ދަނީ މެދު އިރުމަތީގެ ގިނަ ޤައުމުތަކަކަށް ދަތުރުތައް ބާއްވަމުންނެވެ. އަދި ޔޫރަޕްގެ ބައެއް ޤައުމުތަކަށްވެސް މިހާރު ދަތުރުތައް ފަށާފައިވާއިރު، އިންޑިއާ އަދި ޕާކިސްތާންގެ ބައެއް ސިޓީތަކަށް ގަލްފް އެއަރގެ ދަތުރުތައް ވަނީ އަލުން ފަށާފައެވެ.
ގަލްފް އެއަރ އިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އޭރު އެ އެއަރލައިނުން ދިޔައީ ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ. ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހު ވަނީ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ދަނީ ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ.
އަހަރުގެ ފަހުކޮޅަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްކޮޅެވެ. ކޯވިޑް-19 އާއި ގުޅިގެން ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވީނަމަވެސް މިހާރު އަނެއްކާވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އަލުން ބޯޑަރު ހުޅުވާލިފަހުން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 41000 އަށްވުރެ މައްޗަށް އަރާފައެވެ.