ވިޔަފާރި

އުލިގަމުގައި ސިޓީ ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުުމަށް އަލުން ބީލަމަށްލަނީ


ހއ.އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމަވައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ އުލިގަމުގައި ޔޮޓު ބަނދަރަކާއެކު ހޮޓަލެއް ތަރައްޤީކުރުމަށް ބިން ދޫކުރުމަށް މިދިޔަމަހުގެ 11ވަނަ ދުވަހު އެ މިނިސްޓްރީން އިޢުލާން ކުރުމާގުޅިގެން ގިނަ ފަރާތްތަކުން މި ބީލަމާބެހޭ ގޮތުން މަޢުލޫމާތު ސާފުކޮށް، 2 ފަރާތަކުން ބީލަން ފޮތް ގަނެފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިމަހުގެ 5ވަނަ ދުވަހު ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާކަމަށެވެ.

އެހެންކަމުން އަލުން ބީލަން ޅުވާލުމަށް ނިންމާފައިވާކަމަށް އެމިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އޭރު ބީލަމަށް ލާފައިވަނީ އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރު ޤައުމުތަކުގެ އިންވެސްޓަރުންނަށްވެސް ބިޑު ހުށަހެޅޭގޮތަށެވެ. އަދި މި މަޝްރޫޢަށް އުލިގަމުން 36 ހެކްޓަރުގެ ބިމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެމްޓީޑީސީން ތަރައްޤީކުރުމުގެ މަސައްކަތް ފެށި އުލިގަމު ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓުމަކަށް އައިއިރު އެ މަޝްރޫޢޫގެ %75 މަސައްކަތް ވަނީ ނިމިފައެވެ.